5 ނޮވެންބަރު 2024 - 05:37 0
އަތޫފް އާތިފް
އެސޯސިއޭޝަން ކަޕް ތައްޓާއެކު ނަލަ (ކ), އާއި ކާއްޓޭ (ވ) - ފޮޓޯ: އަތޫފް އާތިފް / އަދަދު
5 ނޮވެންބަރު 2024 - 05:37 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށްގެންދިޔަ، މައިލޯ އެސޯސިއޭޝަން ކަޕްގެ، ޗެމްޕިއަންކަން ކްލަބް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދިއިރު، އެ ކާމިޔާބު ހާއްސަކުރާނީ އެޗްޑީސީގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އަށް ކަމަށް އެޗްޑީސީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ ހުސެން) ބުނެފި އެވެ.
ރޭ ކުރިއަށްދިޔަ ފައިނަލުގައި ސިފައިންގެ މައްޗަށް އެޗްޑީސީ އިން ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-20, 29-31, 20-25, 25-17 އަދި 13-15 އިންނެވެ.
މި މެޗަށް ފަހު "އަދަދު ސްޕޯޓްސް" އިން ނަލަ ހުސެން ބުނީ، މުބާރާތް ފެށެން ގާތްވިއިރު، އަމިއްލަ ކަމެއްގައި ޓީމާ ދުރުގައި ހުންނަން ޖެހުމުން މުބާރާތައް ޓީމު ތައްޔާރުކުރީ ކާއްޓޭ ކަމަށެވެ.
އަދި މުބާރާތުގައި އެޗްޑީސީން ހޯދި ކާމިޔާބުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ކާއްޓޭ ކަމަށް ނަލަ ހުސެން ވަނީ ފާހަގަކޮށްފަ އެވެ.
"މުބާރާތް ފެށުނުއިރު, އަޅުގަނޑު ކުޑަކޮށް ދުރުގައި ހުންނަން މި ޖެހުނީ. މި ކާމިޔާބީގެ ކްރެޑިޓް އަޅުގަނޑު ދޭނީ ކާއްޓޭ ކޯޗަށް. އަޅުގަނޑު ދެން ޝުކުރު ވެސް އަދާކުރަން ބޭނުން, ކާއްޓެ ކޯޗު ހުރުން އެއީ އަޅުގަނޑަށްވެސް ލިބޭ އިތުބާރެއް" ނަލަ ހުސެން ބުންޏެވެ.
އޭނާ ބުނީ، މި ފެންވަރުގެ ފައިނަލަކަށް ނުކުންނައިރު, އެޗްޑީސީގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަކީ އެ ޓީމަށް އޮތް އިތުބާރެއް ކަމަށެވެ. އަދި ތަޖުރިބާކާރު އެ ލެވަލްގެ ކުޅުންތެރިންނާ އެކު ޒުވާން ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށާއި، ކޮންމެ ގަޑިއަކުވެސް ނަތީޖާ ބަދަލުކޮށްލެވޭނެ ވަރުގެ ސްކޮޑެއް އޮތުން އެއީ ލިބުނު .ހިތްހަމަ ޖެހުމެއް ކަމަށް ނަލަ ހުސެންގެ ވާހަކައިގައި ފާހަަަކުރި އެެެވެ.
"ޓީމެއްގެ ގޮތުގައި މި ޓީމު ކުޅޭތާ ވަރަށް ދުވަސްވެއްޖެ, މި ޓީމު މި ގޮތައް އޮތް ކަމަށްވަންޏާ އަދިވެސް އިތުރު ކާމިޔާބު ލިބޭނެ" ނަލަ ހުސެން ބުންޏެވެ.
ނަލަ ހުސެން ވަނީ މީގެ ކުރިން، 2022 ވަނަ އަހަރު ސިޓީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރިއިރު، ސީޒަނުގެ ތިން މުބާރާތް (އެސޯސިއޭޝަން ކަޕް، ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ ވޮލީ މުބާރާތް) ކާމިޔާބުކޮށްފަ އެވެ. މިއީ، މިހާތަނަށް އެ ފަހަރުގެ ސިޓީ ޓީމާއި 2010 ވަަނަ އަަހަރު ދިވެހި ސިފައިންގެ ކްލަބަށް ހޯދުނު ކާމިޔާބެކެވެ.
Comment