2 ނޮވެންބަރު 2024 - 22:48 0
އަތޫފް އާތިފް
2 ނޮވެންބަރު 2024 - 22:48 0
މިހާރު ކުރިއަށްދާ ވޮލިބޯލް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ސެމީ ފައިނަލުގައި މިރޭ ކުޅެން އޮތް މެޗަށް ހާޒިރުވުމަށް ފަހު ސިޓީ ސްޕޯޓްސް ކްލަބުން މެޗު ދޫކޮށް ކޯޓުން ފައިބައިފި އެވެ.
ސިޓީ އަށް ތިން ވަނަ ސެމީ ކުޅެން ޖެހުނީ އިއްޔެ ކުޅުނު ފުރަތަމަ ސެމީގައި ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވުމުންނެވެ.
"އަދަދު ސްޕޯޓްސް" އަށް ސިޓީ ސްޕޯޓްސް ކްލަބްގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ސިޓީ އިން ވަނީ މިއަދު ހެނދުނު، އެސޯސިއޭޝަންގައި މުބާރާތާ ގުޅޭ މައްސަލަ އެއް ފެންމަތި ކޮށްފަ އެވެ. އެ ގޮތުން ސިޓީން ހުށަހެޅި މައްސަލައިގައި ދިވެހި ސިފައިންގެ ކްލަބުން މި މުބާރާތުގެ ކޮލިފިކޭޝަނުގައި އެހެން ޓީމަކަށް ކުޅުން ދެ ކުޅުންތެރިޔަކު އެ ޓީމުގެ ސްކޮޑުގައި ހިމަނައި، މި ފަހަރުގެ މުބާރާތުގައި ކުޅުފައިވުމުން އެކަމާ މެދު ފިޔަވަޅެއް އެޅުމަށް ވަނީ އެދިފަ އެވެ.
އެކަމަކު، މިރޭގެ މެޗު ފެށުމާ ހަމައަށް ވެސް އެކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ޖަވާބެއް ލިބިފައި ނުވާތީ، މެޗު ނުކުޅެން ނިންމީ ކަމަށް ސިޓީ ސްޕޯޓްސް ކްލަބްގެ އޮފިޝަލް އަދަދު އަށް މައުލޫމާތު ދެމުން ބުންޏެވެ.
"މި ޓީމުގައި ވެސް އެބަތިބި ކޮލިފިކޭޝަން ކުޅެފަ ތިބި ކުޅުންތެރިން އެހެން ކްލަބްތަކަށް ބަދަލުވާން ބޭނުންވާ. އެކަމަކު އެ ފުރުސަތު އެ ކުޅުންތެރިންނަށް ގެއްލުނީ ގަވައިދު އޮތް ގޮތުން. ވަކި ބަޔަކަށް ވަކި ގޮތަކަށް ގަވައިދު އޮންނަތަން މި ފެންނަނީ" އޮފިޝަލް ބުންޏެވެ.
މުބާރާތުގެ ގަވައިދު އޮންނަ ގޮތުންނަނަމަ, ކޮންމެ ޓީމަކަށްވެސް މެޗަކާ ގުޅޭ މައްސަލަ 24 ގަޑިއިރުގެ ކުރިން ލުމުގެ ފުރުސަތު އޮވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިރޭގެ މެޗު ފެށުމާ ހަމައަށްވެސް ސިޓީ އިން ވަނީ އެ ޓީމުން ހުށަހެޅި މައްސަލައާ ގުޅިގެން ޖަވާބެއް ލިބޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަމަކު ވީއޭއެމް އިން ޖަވާބު ދިން އޮފިޝަލް ސިޓީ އަށް ދިން ޖަވާބަކީ "ތިއީ މިރޭގެ މެޗާ ބެހޭ މައްސަލަ އެއް ނޫން" އެވެ.
ސިޓީން ވަނީ ވީއޭއެމް އިން އަމަލު ކުރަމުން އަންނަނީ ވަކި ބަޔަކަށް ވަކި ގޮތަކަށް ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން "އަދަދު ސްޕޯޓްސް" އިން ވީއޭއެމްގެ ބަހެއް ހޯދުމަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސައީދު އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި އެސޯސިއޭޝަންގެ އެހެން އޮފިޝަލެއްގެ ޖަވާބެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment