5 ނޮވެންބަރު 2024 - 07:35 0
މުހައްމަދު ޝަހްޒާން
ޕީސީބީގެ ރައީސް ހަމްދީ އަގީލް
5 ނޮވެންބަރު 2024 - 07:35 0
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބެޖެޓު ރިވިއު ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އަށާއި ފިނޭންސް މިނިސްޓަރީއަށް ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތްތައް ބަޔާންކޮށް، އާ އުސޫލެއް ޕީސީބީން އިއުލާނު ކޮށްފި އެވެ.
އެ ބޯޑުން އިއްޔެ ކުރި އިއުލާނުގައި ބުނީ "ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި އުސޫލެއް އެކުލަވައިލީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަޖެޓު އެއްހަމަ އަކުން ދިރާސާ ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ކަމަށެވެ. އަދި އެ އުސޫލުގައި ބަޖެޓު އެކުލަވައިލުމުގައި އަމަލު ކުރާނެ އާންމު އިޖުރާއަތުތައް ވެސް ކަނޑައަޅައިފައިވާނެ ކަމަށް ޕީސީބީގެ އިއުލާނުގައި ބުނެފައިވެ އެވެ.
މި އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ފަށާފައި ވާތީ އާންމު ކުރި އުސޫލުގެ ދަށުން ބަޖެޓު އެކުލަވައިލަން ޖެހޭނީ 2026 ވަނަ އަހަރަށް ކަމަށް ޕީސީބީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ނަމަވެސް މިއަދުން ފެށިގެން އުސޫލުގައިވާ ގޮތުގެ މަތީން ބަޖެޓު ހާމަ ކުރުމުގެ މަސައްކަތާއި ބަޖެޓު ރިވިއުއަށް ފޮނުވުމުގެ މަސައްކަތުގެ އިތުރުން ބަޖެޓަށް ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލު ގެނައުމުގެ މަސައްކަތާއި އިންޓާނަލް އޮޑިޓު ފަންކްޝަންއިން ކުރަންޖެހޭ މަސައްކަތްތައް އުސޫލާ އެއްގޮތަށް ކުރުމަށް ޕީސީބީގެ އިއުލާނުގައި ކުންފުނިތަކަށް އަންގާފައިވެ އެވެ.
އާ އުސޫލުގައި ބުނެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ އަދި ޖުލައި މަހު ބަޖެޓު ރިވިއު ކުރަން ޕީސީބީއަށް ފޮނުވަންޖެހޭނެ ކަމަށެވެ. ރިވިއުއަށް ފޮނުވާ ބަޖެޓު ރިޕޯޓުގައި ބަޖެޓު ވެރިއަންސަސް ފެންނަން ހުންނަން ވާނެ ކަމަށް އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ. އަދި ބަޖެޓު ވޭރިއަންސް ދެ ޕަސެންޓަށްވުރެ ބޮޑު ނަމަ އެކަމާ ގުޅޭ ތަފުސީލީ ސަބަބުތައް ރިޕޯޓުގައި ހިމަނަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.
އޭގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުން ފާސް ކޮށްފައިވާ ކުންފުނީގެ ބަޖެޓު އާންމުކޮށް ޝާއިއު ކުރެވިދާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment