4 ނޮވެންބަރު 2024 - 17:43 0
މުހައްމަދު ޝަހްޒާން
ތުރުކީ އާއި ރާއްޖެ އާ ދެމެދު މިއަދު ޕްރިފެރެންޝަލް ޓްރޭޑުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓަރީ
4 ނޮވެންބަރު 2024 - 17:43 0
ރާއްޖެ އާއި ތުރުކީ އާ ދެމެދު ވިޔަފާރި ކުރާ ބައެއް މުދަލުން ޓެރިފް ކުޑަ ވާ ކަހަލަ ޕްރިފެރެންޝަލް ޓްރޭޑު އެއްބަސްވުމެއްގައި ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓަރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުމާ އެކު މި ފެށިގެން ދިޔައީ ރާއްޖެ އާއި ތުރުކީ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރު ބާބެއް ކަމަށެވެ.
އަދި އެ އެއްބަސްވުމުގެ ސަބަބުން ދިވެހި ރާއްޖޭން މުދާ އެކްސްޕޯޓު ކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެ، ރާއްޖެ އާއި ތުރުކީ އާ ދެމެދު އޮންނަ ވިޔަފާރި އާއި އިގުތިސާދީ ގުޅުން އިތުރަށް ވަރުގަދަވެ ދިވެހި ވިޔަފާރިތަކަށް ރަނގަޅު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރީން ބުންޏެވެ.
"[މި] އެއްބަސްވުމުގެ ދަށުން، ތުރުކީ ވިލާތަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަ ކުރެވި ދެ ގައުމުގެ ދެމެދުގައި ވިޔަފަރީގެ ގުޅުން ވަރުގަދަ ކުރުމާއި ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރު ކުރުމާއި ދިވެހިރާއްޖެއިން މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓުގައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕްރިފެރެންޝަލް އެގްރީމެންޓުތަކަކީ ދެ ގައުމެއްގެ ދެމެދުގައި ކުރާ ވިޔަފާރީގެ ދަށުން އެކްސްޕޯޓު ކުރާ ބައެއް މުދަލުން ޓެރިފް ކުޑަ ވާގޮތަށް ވެވޭ އެއްބަސްވުމެކެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމަކީ މިދިޔަ އަހަރު ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުގައި މަޝްވަރާ ކުރެއްވި ގޮތަށް އެކުލަވާލައި ސޮއި ކުރެވުނު ކުރި އެއްބަސްވުމެއް ކަމަށް ވެސް އިކޮނިމިކް މިނިސްޓަރީން ބުންޏެވެ.
މީގެ ކުރިން ސަރުކާރުން ވަނީ ޗައިނާ އާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ 1، ގަ އެވެ.
އޭގެ އިތުރުން އަވައްޓެރި އިންޑިއާ އާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment