Advertisement

ޕާޓީތަކުގެ ގާނޫނަށް ގެންނަ ބަދަލާމެދު މައުރޫފްގެ ކަންބޮޑުވުންތަކެއް

4 ނޮވެންބަރު 2024 - 09:38 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މައުރޫފް ޒާކިރު: ވިދާޅުވީ ރާއްޖެ މި ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް -- ފޮޓޯ: މަޖިލިސް


ޕާޓީތަކުގެ ގާނޫނަށް ގެންނަ ބަދަލާމެދު މައުރޫފްގެ ކަންބޮޑުވުންތަކެއް

4 ނޮވެންބަރު 2024 - 09:38 0

ގާނޫނާ ހިލާފުވެއްޖެ ނަމަ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ އަދަދު ބޮޑު ކުރުމާއި ޖޫރިމަނާ ކުރެވޭނެ ގޮތްތައް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލާމެދު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސް ކުރައްވަން ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރު މައުރޫފް ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ގާނޫނާ ހިލާފުވުން އަދި އެ ނޫން ވެސް ބޮޑު ކުށެއް ކުރާ ތަން މިދުވަސްވަރު ނުފެންނައިރު، އިސްލާހު ހުށަހެޅުމުގެ ބޭނުމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ކީއްވެބާއޭ ކުއްލިއަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުތަކެއް މި ގާނޫނަށް މި ގެނެވެނީ. ބަލާލާއިރު، މިކަންކަމާމެދު އަޅުގަނޑުމެން ވިސްނާލާއިރު، ހަމަ ހަގީގަތުގައި ވެސް މި ފެންނަނީ އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ މިސްރާބު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައި ހުރި މަންޒަރު،" މައުރޫފް ވިދާޅުވި އެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ މިންވަރު ބަދަލު ކުރާތީ ވެސް މައުރޫފް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ބަދަލު ގެނައުމުގެ ބޭނުމަކީ ބަޖެޓުން ވެރިކަން ހިންގާ ޕީއެންސީއަށް ބޮޑު އަދަދެއް ދިނުން ކަމަށެވެ.

"ބޮޑު އަދަދެއް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީއަށް ހޯދުމަށްޓަކައި މި ބަދަލު މި ގެނެވެނީ،" އޭނާ ވިދާޅުވި އެވެ.

ގާނޫނަށް ގެންނަ ހުށަހެޅި ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ މީހަކު 30،000ރ. އާއި 75،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއެކު އެމީހަކު ނިސްބަތްވާ ޕާޓީއެއް 100،000ރ. އިން ޖޫރިމަނާ ކުރުމެވެ. އެ ގާނޫނަށް ގެންނަ އަނެއް ބަދަލަކީ، ދައުލަތުގެ 0.1 ޕަސެންޓަށް ވުރެ މަދު ނޫން އަދަދެއް ޕާޓީތަކަށް ކަނޑައެޅުމުގެ ބަދަލުގައި، ބަޖެޓުގައި ދައުލަތުގެ އާމްދަނީއަށް ޖަހާ މިންވަރުގެ 0.1 އާއި 0.2 އާ ދެމެދުގެ އަދަދެއް ކަނޑައެޅުމެވެ.

އޭގެ އިތުރުން ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބައެއް އެހެން ބަދަލުތައް ގެނައުމަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ޓިކެޓެއްގައި އިންތިހާބުގައި ވާދަ ކުރަން ހުށަހެޅި މީހަކު އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިހާބެއްގައި ވާދަ ނުކުރޭވެނެ ގޮތަށް މިހާރު ގާނޫނުގައި އޮތް މާއްދާ އުވާލުން ހިމެނެ އެވެ.