3 ނޮވެންބަރު 2024 - 11:48 1
ލީވާން އަލީ ނާސިރު
3 ނޮވެންބަރު 2024 - 11:48 1
ދަރިމައިވުމަށް ހުންނަ ދަތިތަކަށް ދޭ އައިވީއެފް ފަރުވާ އާސަންދައިން ހިލޭ ދިނުމުގެ ޕްރޮގްރާމުގެ ދެވަނަ ބުރަށް 215 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން ޝަރުތު ހަމަވީ 63 މީހުން ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ލިސްޓުން ދައްކާ ގޮތުން އެންމެ ގިނަ މީހުން ޝަރުތު ހަމަނުވީ ކަނޑައެޅި މިންގަނޑަށް ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ނުފެތޭތީ އާއި ކަނޑައެޅި މިންވަރަށްވުރެ AMH ލެވެލް ދަށްވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާފައި ނުވާތީ އެވެ.
އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 10، ގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެންސްޕާއިން ވަނީ ހުޅުވާލާފަ އެވެ.
އެގޮތުން، އެންސްޕާއިން ބުނީ ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ޝާއިއު ކޮށްފައިވާ ލިސްޓަށް ބަދަލު ގެންނަން ޖެހޭނަމަ، މުރާޖާ ކުރާ ލިސްޓު ނޮވެމްބަރު 15، ގައި ޝާއިއު ކުރާނެ ކަމަށެވެ.
އައިވީއެފް ފަރުވާއަށް ޝަރުތު ހަމަވި މީހުން ނޮވެމްބަރު 30، ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާ ކުރުމާ ގުޅޭ ގޮތުން އެންސްޕާއަށް އެ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެ އެޖެންސީން ބުންޏެވެ.
އައިވީއެފް ފަރުވާއާ ގުޅޭ އެއްވެސް ކަމެއް ސާފު ކުރަން ބޭނުންވާނަމަ، [email protected] އަށް މެއިލް ކޮށްގެން ނުވަތަ ހޮޓްލައިން 1402 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރަން އެންސްޕާއިން އެދެ އެވެ.
އައިވީއެފް ފަރުވާއަށް ފުރަތަމަ ބުރުގައި ހަމަޖެއްސީ ކުރިމަތިލި 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހުންނެވެ.
Comment