2 ނޮވެންބަރު 2024 - 22:24 1
އަހުމަދު އާއިދު
އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ އަދި ސްކީލާން ޑޮކިއުމެންޓަރީ އަށް އެވޯޑާއެކު ލިބުނު ލިޔުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
2 ނޮވެންބަރު 2024 - 22:24 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމަ، ސްރީ ލަންކާގެ ރައްޔިތެއްކަމުގައިވާ، ޖީ ސްކީލާން ރާއްޖޭން ބްލެކްލިޓުކޮށް ޑީޕޯޓުކޮށްލި ގޮތާއި އޭނާކުރި ތުހުމަތުތަކުގެ މައްޗަށް އަދަދު ނޫހުން ތައްޔާރުކުރި "ސްކީލާން" ޑޮކިއުމެންޓަރީއަށް ލިބުނު އެވޯޑު އަތުލުމާމެދު މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮތެއް ނިންމުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފައިވާ ވެސް ކަމަށް ބުނެފި އެވެ.
އެމްއެމްސީން މިއަދު ބޭއްވި ކުއްލި ބައްދަލުވުމާ ގުޅޭ ގޮތުން އެ ކައުންސިލުން ފުރަތަމަ ނެރުނު ބަޔާން ބަދަލުކޮށް، ދެވަނައަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަހުގީގީ ދާއިރާގެ އޯޑިއޯ ވީޑިއޯ ކެޓަގަރީއަށް ދެވިފައިވާ އިނާމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
މި އިނާމު އަތުލުމާމެދު އެމްއެމްސީން ގޮތެއް ނިންމުމުގެ މަސައްކަތް ފެށީ އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންވެސް ގޮވާލި ފަހުންނެވެ.
ސްކީލާން ޑޮކިއުމެންޓަރީއާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ބަޔާނެއް ނެރުނީ އެ ޑޮކިއުމެންޓަރީ އަށް އެވޯޑު ލިބިގެން ސަރުކާރަށް ސަޕޯޓުކުރާ ފަރާތްތަކުން މީހުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. މިއީ މީޑިއާ ކައުންސިލްގެ ތާރީހުގައި ވެސް އެވޯޑަކާމެދު ފަނޑިޔާރުން ކަން ކުރި ގޮތެއް ނޫނެވެ.
ފަނޑިޔާރުންގެ ބަޔާނުގައި ބުނެފައި ވަނީ ސެޕްޓެމްބަރު 28، 2023 ގައި މީޑިއާ ކައުންސިލުން އިލްތިމާސްއެއްގެ ގޮތުގައި ނެރުނު ބަޔާނަކީ ސްކީލާން ޑޮކިއުމެންޓަރީއަކީ މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްކަން ފާހަގަވެގެން ނެރުނު ބަޔާނެއް ކަމަށެވެ.
ނަމަވެސް އެ ބަޔާނަކީ ވަކި މީޑިއާއަކަށް އަމާޒުކުރުމުގެ ބަދަލުގައި މުޅި މީޑިއާއަށް ކޮށްފައި އޮތް އިލްތިމާސްއެކެވެ. އެއްވެސް މީޑިއާއެއްގެ ނަމެއް އެ ބަޔާނުގައި ނެތެވެ. އަދި އެ ބަޔާނުގެ ކުރިން ވެސް، އަދި އެ ބަޔާނުގެ ފަހުން ވެސް މީޑިއާ ކައުންސިލުން ސްކީލާން ޑޮކިއުމެންޓަރީއާ އަދި އަދަދު ނޫހާ ގުޅޭ އެއްވެސް ކޮންޓެންޓެއް މީޑިއާގެ އަހުލާގީ މިންގަނޑާ ހިލާފުކަން އަންގާފައެއް ނުވެ އެވެ.
ސްކީލާން ޑޮކިއުމެންޓަރީއަށް އެވޯޑު ލިބުމުން، ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފާޑުކިޔަން ފެށިފަހުން އެމްއެމްސީ އަދި ފަނޑިޔާރުންގެ ނިންމުން އަމިއްލަ އަށް ގޯސްކޮށްފައި ބަޔާން ނެރުމާއި، އެވޯޑު އަތުލުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން ފާސްކުރުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
Comment