Advertisement

ގާނޫނުން ލާޒިމް ކުރާ އަދަދަށްވުރެ ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުން ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި

2 ނޮވެންބަރު 2024 - 14:08 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދަ ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފު -- ފޮޓޯ: އަދަދު ފައިލް


ގާނޫނުން ލާޒިމް ކުރާ އަދަދަށްވުރެ ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުން ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި

2 ނޮވެންބަރު 2024 - 14:08 2

އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމް ކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައިނުވާތީ ޑިމޮކްރެޓްސް އިން އެކަން ކުށްވެރި ކޮށްފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ވެރިކަމުގެ އެންމެހައި ބާރުތައް ފެށިގެން އަންނާނީ އަދި އެ ބާރުތައް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގާ ކަމަށާއި ދިވެހިރާއްޖެ ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާއިރު، އެ އުސޫލުތައް ހިފެހެއްޓުމާއު ޑިމޮކްރެޓިކް ހިންގުން ކުރިއެރުވުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

ދައުލަތުގެ ބަޖެޓުގެ ޖުމުލަ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓު ކައުންސިލުތަކަށް ދޭންވާނެ ކަމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް ބްލޮކް ގުރާންޓުން ބޮޑު މިންވަރެއް އުނިކުރުން ކުށްވެރި ކުރާ ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ދައުލަތުގެ ބެޖެޓުގެ ޖުމުލަ އާމްދަނީގެ މަދުވެގެން ފަސް ޕަސެންޓު ކައުންސިލުތަކަށް ދޭންވާނެ ކަމަށް ކަނޑައަޅާފައި ވަނިކޮށް ކަނޑައެޅިގެން ލާމަރުކަޒީ ގާނޫނާ ހިލާފަށް ކައުންސިލުތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށް ބޮޑު މިންވަރެއް އުނިކޮށް މާލީ ވަޒީރު ގާނޫނާ ހިލާފުވެފައި ވުމަކީ ދަ ޑިމޮކްރެޓްސް އިން ނުހަނު ކަންބޮޑުވެ ކުށްވެރި ކުރާ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ބަޖެޓުގެ ޖުމުލަ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައި އޮންނަނީ ލާމަރުކަޒީ ގާނޫނުގެ 9 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރުގަ އެވެ.

މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ޖުމުލަ އާމްދަނީގެ ގޮތުގައި ޖަހާފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަނީ މި ފައިސާގެ ތެރެއިން ވަކި ކަމަކަށް ކަނޑައަޅާފައި ހުންނަ ފައިސާ އާއި ބިމު ކުލިން ލިބޭ އާމްދަނީ އަދި ޓްރަސްޓް ފަންޑް އާމްދަނީ އުނިކުރުމަށް ފަހު އެވެ.

"އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި މި ގޮތަށް އުނިކުރަން ޖެހޭ ބައިތައް އުނިކުރުމަށް ފަހު ޖެހޭ އާމްދަނީއަކީ 27.9 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.3 ބިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއަށް އިތުރުކުރަން ޖެހެނީ ރިސޯޓުތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ 40 ޕަސެންޓެވެ. އެއީ 747.7 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން މަދުވެގެން 2.1 ބިލިއަން ރުފިޔާ ކައުންސިލްތަކަށް އެހީދޭން ބަޖެޓުގައި ޖަހަން ޖެހެ އެވެ.

ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ލާމަރުކަޒީ އުސޫލު ކުރިއަރުވައި ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ނުވަތަ ވެރިއަކަށް ނުވަތަ މުއައްސަސާއަކަށް ވިޔަސް އިހުތިިޔާރީ ކަމެއް ނޫން ކަމަށެވެ.

"ގާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި ނިސްބަތަކުން ފައިސާ ދިނުމަށް ލާޒިމު ކުރުމުގެ އެ ނޫން ގޮތަކަށް ދައުލަތުގެ ބަޖެޓު އެކުލަވައިލުމަކީ ސަރުކާރަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އޮތް ބާރެއް ނޫނެވެ. އަދި އެއީ ކަނޑައެޅިގެން ގާނޫނާ ހިލާފުވުމުގެ އަމަލެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނީ އިމުގެ ތެރެއަށް ވަދެ، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ޑިމޮކްރެޓްސް އިން ވަނީ ސަރުކާރަށާއި މާލީ ވަޒީރަށް ގޮވާލައިފަ އެވެ.