1 ނޮވެންބަރު 2024 - 23:01 0
ލީވާން އަލީ ނާސިރު
އެމްޕީއެލްގައި މުދާތަކެއް ބަހައްޓާފައި: ދުންފަތުގެ ބާވަތް ބޮންޑެޑް ވެއާ ހައުސްގައި ނުބެހެއްޓޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައި -- ފޮޓޯ؛ އަދަދު ފައިލް
1 ނޮވެންބަރު 2024 - 23:01 0
ބޮންޑެޑް ވެއާހައުސްގައި ދުންފަތާއި، ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުން ކުރާ ތަކެތި ނުބެހެއްޓޭ ގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދު އިސްލާހުކޮށްފި އެވެ.
އެ ގަވާއިދު އިސްލާހުކުރީ ރާއްޖެއަށް އެތެރެ ކުރުމާއި އަދި ރާއްޖެއިން ބޭރު ކުރުން ހުއްދަ ކޮންމެ އެއްޗެއް ބެހެއްޓުމަށް ވެސް ބޮންޑެޑް ވެއާ ހައުސް ރަޖިސްޓްރީ ކުރެވޭ ގޮތަށެވެ.
ނަމަވެސް އިސްލާހުގެ ދަށުން ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާ އެކު ބޭނުން ކުރުމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތަކާއި، ނިކޮޓިން ނުވަތަ ނިކޮޓިން ފަދަ އެހެނިހެން ކެމިކަލް އެކުލެވޭ އެރޯސޮލް ބޭރުކޮށްދޭ ޓޮބޭކޯ ސްޓިކް ނުވަތަ އެ ނޫން ވެސް ދުންފަތުގެ އުފެއްދުންތައް ނުހިމެނެ އެވެ.
އޭގެ އިތުރުން ގަވާއިދު ބުނާ ގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތަކުގައި ޑިއުޓީ ހިލޭ ފިހާރަތައް ހިންގާ ފަރާތްތަކުން، ޑިއުޓީ ހިލޭ ފިހާރަތަކުން ގެންނަ ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައި ހުންނަ ބޮންޑެޑް ވެއާހައުސްތައް ނުހިމެނެ އެވެ.
ބޮންޑެޑް ވެއާހައުސްއަށް ހެދޭނީ ކަސްޓަމްސްއިން ކޮންޓްރޯލް އޮންނަ ސަރަހައްދެއްގައި ކަމަށް ގަވާއިދުގައި މިހާރު ކަނޑައަޅާފައިވާއިރު، ކަސްޓަމްސްއިން އާންމު ކުރާ އައިޓަމްތަކެއް ބެލެހެއްޓުމަށް ހާއްސަ ކުރާ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގެ އޮފީސްތައް ހުންނަ ސަރަހައްދުގައި ގަވާއިދުގެ ދަށުން ހެދެ އެވެ.
ނަމަވެސް ގަވާއިދުގެ ދަށުން ބޮންޑެޑް ވެއާ ހައުސް ހެދޭ ތަނަކީ މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ހަދާފައިވާ ތަނަކަށް ވެގެން ނުވެ އެވެ.
ގަވާއިދަށް އިތުރަށް ގެނެސްފައިވާ ބަދަލުގެ ތެރޭގައި އިންވާޑް ކާގޯ މެނިފެސްޓް ނުވަތަ އައުޓްވާޑް ކާގޯ މެނިފެސްޓް ނުހިމަނައި ރާއްޖެއަށް ސިއްރުން މުދާ އެތެރެ ކޮށްގެން ނުވަތަ އުޅެގެން ނުވަތަ އެކަމުގައި ބައިވެރިވެއްޖެނަމަ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުން ވަނީ ހިމަނާފަ އެވެ.
އަދި، އުޅަނދު ބަނދަރު ކުރަން ހަމަޖެހިފައިވާ ބަނދަރާއި، އެ ބަނދަރަށް އައުމަށް ބޭނުން ކުރާ ރޫޓާއި، ރާއްޖެއަށް ވަންނާނެ ސަރަހައްދެއް ކަމަށް ބުނެ ކަސްޓަމްސްއަށް ހުށަހަޅާ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދަތުރު ކޮށްފިނަމަ ނުވަތަ ބަނދަރުކޮށްފިނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމާފަ އެވެ.
ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ކަނޑު އުޅަނދުފަހަރުގައި ހަރުކޮށްފައި ހުންނަ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (AIS) ނިއްވާލައިފިނަމަ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ގަވާއިދުގައި ވަނީ ހިމަނާފަ އެވެ.
Comment