1 ނޮވެންބަރު 2024 - 18:03 0
ހަސަން މުހައްމަދު
ރައީސް މުއިއްޒު: ސަބްސިޑީތައް ކަނޑާލުމުން ބައެއް ތަކެތީގެ އަގު އުފުލޭނެ ކަމަށް ބެލެވޭ -- ފޮޓީ: ރައީސް އޮފީސް
1 ނޮވެންބަރު 2024 - 18:03 0
އަންނަ އަހަރުގެ ބަޖެޓު ސަރުކާރުން ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ކާބޯތަކެއްޗާއި ކަރަންޓާއި ބޭސްފަރުވާ އާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވަރަށް ބޮޑަށް މަދު ކުރުމަށްފަހެވެ.
ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބިޔަ ބަޖެޓެވެ. އެކަމަކު އެވަރުގެ ބޮޑު ބަޖަޓެއް ހުށަހެޅިއިރު، ސަރުކާރުން ދޭ އެހީ އާއި ސަބްސިޑީގެ އަދަދު އޮތީ މަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެކަމަށް 10.9 ބިލިއަން ކަނޑައަޅާފައި އޮތެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހަމަޖެއްސީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ.
ސަބްސިޑީއަށް ދޭ ފައިސާ މަދު ކުރިއިރު، އެންމެ ބޮޑަށް ކަނޑާލީ ފިއުލް ސަބްސިޑީ އެވެ. މި އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ޖަހާފައި އޮތެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ފިއުލް ސަބްސިޑީގެ ގޮތުގައި ޖަހާފައި ވަނީ އެންމެ 433 މިލިއަން ރުފިޔާ އެވެ. އެއީ 80 ޕަސެންޓުގެ ދަށްވުމެކެވެ.
ކާބޯތަކެތީގެ އަގު ހެޔޮ ކުރަން ސަރުކާރުން ދޭ ސަބްސިޑީގެ ގޮތުގައި މި އަހަރު 352.9 މިލިއަން ޖަހާފައި އޮތެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ޖެހީ އެންމެ 93 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ މި އަހަރު ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަށް ދިން ފައިސާގެ އެންމެ 26 ޕަސެންޓެވެ.
ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދޭ އެހީގެ ގޮތުގައި މި އަހަރުގެ ބަޖެޓުގައި 216 މިލިއަން ރުފިޔާ ޖެހި އެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުގައި ޖެހީ 182 މިލިއަން ރުފިޔާ އެވެ. އެއީ 18 ޕަސެންޓުގެ ދަށްވުމެކެވެ.
ރާއްޖެއިން ކުރާ ބޭސް ފަރުވާއަށް ދޭ އެހީގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި 176.6 މިލިއަން ރުފިޔާ ޖެހި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގައި ކުރާ ބޭސްފަރުވާއަށް ދޭ އެހީގެ ގޮތުގައި ޖެހީ 144 މިލިއަން ރުފިޔާ އެވެ. އެއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.
ސަބްސިޑީ އެންމެ ބޮޑަށް ދަށްވި އެއް ދާއިރާއަކީ މަސްވެރިކަމެވެ. މަސްވެރިންނަށް ދޭ ސަބްސިޑީގެ ގޮތުގައި މި އަހަރު 413 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނީީ 210 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެއީ 49 ޕަސެންޓުގެ ވެއްޓުމެކެވެ.
އޭގެ އިތުރުން ވެސް ބައެއް ސަބްސިޑީތައް ސަރުކާރުން ވަނީ ކަނޑައިފަ އެވެ. އެގޮތުން ނަރުދަމާ، ޓްރާންސްޕޯޓް އަދި ޕްރީ ސްކޫލް ހިންގުމަށް ދޭ އެހީ ވެސް ވަނީ މަދުކޮށްފަ އެވެ.
Comment