1 ނޮވެންބަރު 2024 - 06:17 1
މީޑިއާ ކައުންސިލް އިން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންނަށް އިނާމު ދިނުމުގެ ޖަލްސާ - ފޮޓޯ: މިރާޝް ނާޝިމް/އަދަދު
1 ނޮވެންބަރު 2024 - 06:17 1
ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ލައިވް ކުރަމުން ދަނިކޮށް އެ ޖަލްސާގައި ޕީއެސްއެމްގެ އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު ވީޑިއޯއެއް ދެއްކި ކަމަށް ބުނެ މީޑިއާ ކައުންސިލުގެ މައްސަލަ ޕީއެސްއެމުން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މީޑިއާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭގެ ޖަލްސާގައި އިނާމު ލިބޭ ކެޓެގަރީތަކާއި އެ ކެޓެގަރީތަކަށް ނޮމިނޭޓު ވެފައިވާ ފަރާތްތަކާއި އިނާމު ލިބޭ ފަރާތްތައް ދުރާލައި މީޑިއާ ކައުންސިލަށް އެނގޭނެ ކަމަށެވެ. އަދި ޕީއެސްއެމުން ލައިވް ކުރާ ހަފުލާއެއްގައި ދައްކާ ވީޑިއޯ ފުޓޭޖަކީ ޕީއެސްއެމްގެ އެޑިޓޯރިއަލަށް ފެތޭ ކޮންޓެންޓަކަށް ވާންޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ޕީއެސްއެމްއަށް ކުރިން އެންގުމެއް ނެތި ކުއްލިއަކަށް ހަފުލާގެ ތެރޭގައި އިސްވެ ދެންނެވުނު ވީޑިއޯ [ޖީ ސްކީލާން] ދެއްކުމަކީ ގަސްތުގައި ދުރާލައި ރާވައިގެން ޕީއެސްއެމްގެ އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ޕީއެސްއެމުން ދެއްކުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮށްފައިވާ ކަމެއްކަމަށް މި ކުންފުނިން ދެކޭތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ޕަބްލިކް ސާވިސް މީޑިއާގެ ތަސައްވުރު ރައްޔިތުން ކުރިމަތީގައި ގެއްލޭފަދަ އަމަލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާފައި ވާތީ އެ މައްސަލަ ބަލައިދެއްވުން އެދި މި ކުންފުނީގެ ފަރާތުން މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ."
ޕީއެސްއެމްގެ ބަޔާނުގައި ވަކި ވީޑިއޯއެއްގެ ނަން ބަޔާން ނުކުރި ނަމަވެސް ރޭ އޮތް މީޑިއާ ކައުންސިލުގެ އިނާމު ދިނުމުގެ ޖަލްސާގައި "އަދަދު" އިން މިދިޔަ އަހަރުގެ ފަހުކޮޅު ގެނެސްދިން "ޖީ ސްކީލާން" ޑޮކިއުމެންޓަރީއަށް ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން ވަނީ އިނާމު ލިބިފަ އެވެ. އެ ޑޮކިއުމެންޓަރީއަށް އިނާމު ލިބުނު ވަގުތު އެ ޑޮކިއުމެންޓަރީގެ މަންޒަރުކޮޅެއް އެ މާލަމުގައި ދެއްކި އެވެ. އެ މަންޒަރު ޕީއެސްއެމުން ވެސް ވަގުތުން ދުރަށް ރޭ ދެއްކި އެވެ.
އެ ޑޮކިއުމެންޓަރީއަށް އިނާމު ލިބުމާ ގުޅިގެން ވެރިކަން ކުރާ ޕީއެންސީއަށް ތާއީދު ކުރާ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކޮށް މީޑިއާ ކައުންސިލަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ފާޑުކިޔުންތައް އަމާޒުވެފައި އޮއްވައި ޕީއެސްއެމުން ބަޔާނުގައި ބުނެފައި ވަނީ އެ ވީޑިއޯ ޕީއެސްއެމުން ދައްކަން ޖެހުމަކީ ރައްޔިތުން އެ މީޑިއާއަށް ކުރާ އިތުބާރު ގެއްލި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން އެ ކުންފުންޏަށް ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން މީޑިއާ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާ އެކު އަދާ ކުރުމަށާއި އެންމެހައި ފަރާތްތަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޕީއެސްއެމުން މީޑިއާ ކައުންސިލަށް ގޮވާލައިފައިވެ އެވެ.
Comment