Advertisement

ބަޖެޓު 2025: ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި


ބަޖެޓު 2025: ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި

އަންނަ އަހަރަށް ފާސް ކުރަން ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވިއިރު، ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރު އިންޑިއާއިން 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

އެއީ ތިލަމާމެ ބްރިޖު އަޅަން އިންޑިއާގެ ސަރުކާރުން ދޭ 105 މިލިއަން ޑޮލަރުގެ ކަމަށް ބެލެވެ އެވެ. އެއީ ދޭނެ ކަމަށް މީގެ ކުރިން އިންޑިއާއިން ބުނެފައިވާ އަދަދެކެވެ.

މިއަދު ހުށަހެޅި ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައި ވަނީ 2.25 ބިލިއަން ރުފިޔާ ރަހުމަތްތެރި ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން 1.6 މިލިއަން ރުފިޔާ ލިބޭނީ އިންޑިއާއިން ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ރަހުމަތްތެރި ގައުމުތަކުން ލިބޭނެ ކަމަށް ލަފާ ކުރި އަދަދުގެ 72 ޕަސެންޓެވެ.

ބަޖެޓު ހުށަހެޅިއިރު، ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ އެންމެ 502 މިލިއަން ރުފިޔާ އެވެ. އެއީ ގައުމުތަކުން ލިބޭނެ ކަމަށް ލަފާ ކުރާ އަދަދުގެ 22 ޕަސެންޓެވެ.

އިންޑިއާ އާއި ޗައިނާގެ އިތުރުން ޖަޕާން އާއި ޕާކިސްތާނާއި ސައުދީ އަރަބިއްޔާ އާއި ނެދަލޭންޑްސް އާއި އިޓަލީ އާއި ޔޫއޭއީން ވެސް ހިލޭ އެހީގެ ގޮތުގައި ފައިސާ ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. އަދި ޖަމިއްޔާ، ޖަމާއަތްތަކުން ވެސް 336 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އިންޑިއާއިން މިއަހަރު ވެސް ވަނީ މާލީ ގޮތުން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދީފަ އެވެ. އެގޮތުން ސެޕްޓެމްބަރު މަހަށް ދައްކަންޖެހުނު 50 މިލިއަން ޑޮލަރު ވަނީ ރޯލްއޯވާ ކޮށްދީފަ އެވެ. އަދި ސްވޮޕް އެގްރީމެންޓެއްގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ލޯނު ނެގޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.