Advertisement

ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

31 އޮކްޓޯބަރު 2024 - 13:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ޓޫރިޒަމް ސިނާއަތާ ގުޅޭ ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ޓެކްސް އާއި ފީތައް ބޮޑުކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ --- ފޮޓޯ: އަދަދު


ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

31 އޮކްޓޯބަރު 2024 - 13:57 0

ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓު ފީ އާއި ޓެކްސްތައް ބޮޑު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އޮތް ތިން ބިލު ވެސް އެއްވެސް ބަދަލެއް ނުގެނެސް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިއަދު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި ގްރީން ޓެކުހާއި ޓީޖީއެސްޓީ ބޮޑުކުރުމާއި އެއާޕޯޓު ފީތައް ބޮޑުކުރަން ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކުރީ 71 މެންބަރުންގެ ވޯޓުންނެވެ. ބިލުތަކާ ދެކޮޅަށް އެމްޑީޕީގެ އަށް މެންބަރުން ވޯޓު ދެއްވި އެވެ.

ޓުއަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާއެކު ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް މިއަދު ފާސްކުރި ބިލުގައި ހުށަހަޅާފައިވެ އެވެ.

އެއާޕޯޓު ޓެކްސް އަދި ފީ ބޮޑު ކުރަން ހުށަހަޅާފައިވާ ބިލުގައި އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ އާއި ޓެކްސް ނޫން އެހެން ހުރިހާ ފީއެއް އަދި ޓެކުހެއް ބޮޑު ކުރަން ހުށަހަޅާފައިވެ އެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން މިހާރު ވެސް 12 ޑޮލަރުގެ ފީއެއް އަދި ހަމަ 12 ޑޮލަރުގެ ޓެކުހެއް ނަގަ އެވެ.

ޓޫރިޒަމު ގާނޫނަށް ގެނައި އިސްލާހުގެ ދަށުންގްރީން ޓެކްސްގެ ގޮތުގައި 963.6 މިލިއަން ރުފިޔާ އަދި 2026 ގައި 1.19 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އަދި، ޓީޖީއެސްޓީ ބޮޑުކޮށްގެން އަންނަ އަހަރު 201.9 މިލިއަން ރުފިޔާ އަދި 330.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެއާޕޯޓު ފީތަކަށް ގެނައި ބަދަލާއެކުވެސް އަންނަ އަހަރު ޑިޕާޗާ ފީގެ ގޮތުގައި 726.5 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއްވެސް ޓެކުހެއް ބޮޑުނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެ ވައުދާ ހިލާފުވެ ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ރާއްޖެއަށް މާލީ ގޮތުން ބޮޑު ތާށިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި ބަދަލުތަކަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ގެނެވޭ ބަދަލުތަކެއްކަން ވެރިކަންކުރާ ޕީއެންސީގެ މެންބަރުން މި ބިލުތަކަށް ބަހުސްކުރައްވަމުން މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.