Advertisement

މިއަދު ހުށަހަޅާ ބަޖެޓަށް އަޅުގަނޑު ކިޔާނީ ބޯހިޔާވަހިކަމުގެ ބަޖެޓު: ރައީސް

31 އޮކްޓޯބަރު 2024 - 12:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ ޔުނިވަސިޓީގެ ދަސްވެނިމުމުގެ ހަފުލާގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހުށަހަޅަނީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ---- ފޮޓޯ: ރައީސް އޮފީސް


މިއަދު ހުށަހަޅާ ބަޖެޓަށް އަޅުގަނޑު ކިޔާނީ ބޯހިޔާވަހިކަމުގެ ބަޖެޓު: ރައީސް

31 އޮކްޓޯބަރު 2024 - 12:44 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓަށް 'ބޯހިޔާވަހިކަމުގެ ބަޖެޓު' ގެ ނަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ދެއްވައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ހުށަހަޅާ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގަ ގެދޮރުވެރިކަމަށް ޓަކައި މަގުފަހިކޮށްދޭނެ ބަޖެޓު ކަމަށެވެ.

"އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގަ ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން. ކިޔަވައިގެން މި ނުކުންނަނީ ވަޒީފާއެއް އަދާކުރަން. ގިނަ ބޭފުޅުން އުޅެން ޖެހެނީ، އުޅޭނެ ތަނެއް ނެތީމަ އެންމެން، އާއިލާ މީހުން އެއްވެލައިގެން ކުއްޔަށް ހިފައިގެން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން 2025 އަށް ލަފާކޮށް ހުށަހަޅަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ލިބިފައިވާ ތަފުސީލުތަކުން އެނގޭ ގޮތުން އަންނަ އަހަރު ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއުތައް ހިންގާނެ އެވެ.

އަދި ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް %5 ގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ސިޔާސަތުގެ ތަފުސީލެއް އަދި ލިބިފައެއް ނުވެ އެވެ.

މިއަދު ވާހަކަ ދައްކަވަމުން ރައީސް ވެސް ވަނީ އަލަށް ފަށާ މަޝްރޫއުތައް އަންނަ އަހަރު ފެށޭއިރު ލޯނު ސްކީމުތައް އަންނަ މަހުގެ ތެރޭގައިވެސް ފެށިގެންދާނެ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ އެ ލޯނުތަކަށް ބަޖެޓުގައި އޮންނާނީ އެއް ބިލިއަން ރުފިޔާ ކަމަށެވެ.

"މި ދަންނަވަން އުޅޭ ވާހަކައަކީ ތިބޭފުޅުން ހިތްވަރާއެކީ ތިކުރެއްވި މަސައްކަތުން ގައުމަށް ގައުމަށް ކަމެއް ކޮށްދެވޭތޯ ނުކުމެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ބަލާނަމޭ އިރާދަކުރެއްވެއްޖިއްޔާ ތިބޭފުޅުންނަށް ބޭނުންވާ، ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ހާސިލް ކޮށްދިނުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ގެދޮރުވެރިކަން ނޫނަސް އެހެން ދާއިރާތަކުންވެސް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި ވަޒީފާގެ ފުުރުސަތުތައް އިތުރުކުރުމަށް އިގުތިސޯދު ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް މުއިއްޒު މިއަދު ވިދާޅުވި އެވެ.

އަދި، ޒުވާނުން އެކި ފަންނުތައް ވިއްކައިގެން ފައިސާ ހޯދޭނެ ގޮތްތައް ހެދުމަށް ކްރިއޭޓިވް އިކޮނޮމީ އަދި ޑިޖިޓަލް އިކޮނޮމީގެ މަސައްކަތްތައް ގޮންޖެހުންތަކާއެކުވެސް ކުރިއަށްދާ ކަމަށާއި އެކަމުގެ ފޮނިމީރުކަން ވަރަށް އަވަހަށް ޒުވާނުންނަށް ލިބޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.