Advertisement

ރާއްޖޭގެ ސަރަހައްދު ބަދަލުވެއްޖެ ނަމަ އަމަލު ކުރަންޖެހޭ ގޮތް ގާނޫނުއަސާސީގައި ހިމަނަނީ

30 އޮކްޓޯބަރު 2024 - 16:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖޭގެ ބަންޑާރަނައިބު އަހުމަދު އުޝާމް: ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ބަންޑާރަނައިބުގެ އޮފީސް


ރާއްޖޭގެ ސަރަހައްދު ބަދަލުވެއްޖެ ނަމަ އަމަލު ކުރަންޖެހޭ ގޮތް ގާނޫނުއަސާސީގައި ހިމަނަނީ

30 އޮކްޓޯބަރު 2024 - 16:00 0

ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަ ހާލަތެއްގައި އަމަލު ކުރަންޖެހޭ ގޮތް ތަފުސީލުކޮށް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހަޅުއްވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގުޅޭ ވާހަކަތައް ގާނޫނެއްގައި އޮތުމުން ބައެއް ކަހަލަ ކަންކަން މީގެ ކުރިން ހިނގާފައިވާތީ، އެކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

"މިހާރު މި ގާނޫނުއަސާސީގައި އެ ވާހަކައެއް ނޯވޭ، އެހެންނަމަވެސް ގާނޫނެއްގައި އެ ވާހަކަ ލިޔެފައި އޮންނާތީވެ ބައެއް ކަހަލަ ކަންކަން ހިނގާފައި އެބަހުރި މީގެ ކުރިން، އެހެންވީމަ އެކަންކަމަށް ހައްލެއް ހޯދުމަށް، ކުރިއަށް އޮތް ތަނުގައި ވިޔަ ނުދިނުމަށްޓަކައި ރާއްޖޭގެ ސަރަހައްދު ބަދަލުވާ ކަމުގައި ވަނީނަމަ އަމަލު ކުރަންޖެހޭ ގޮތްތައް [ގާނޫނުއަސާސީގައި ހިމަނާނަން]،" އުޝާމް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި މި ރާއްޖޭގެ ކަނޑާއި ގުޅިފައިވާ ކަނޑުތަކުގެ އިތުރުން ދިވެހިރާއްޖެގެ ސިޔާދަތީ ބާރާއި ސިޔާދަތީ ހައްގުތައް މިހާރު ހިމަނާފައި އޮންނަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގަ އެވެ.

ދިވެހިރާއްޖޭގެ ކަނޑަށް ވަދެނުކުމެ އުޅުމުގައި އަމަލު ކުރަންޖެހޭ ގޮތާއި މި ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ ގޮތުގެ އިތުރުން ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަނުމާއި ހުރަސްކޮށް ދަތުރު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތް އެ ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.