30 އޮކްޓޯބަރު 2024 - 11:17 0
ލީވާން އަލީ ނާސިރު
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: މިއީ އިދިކޮޅު ސިޔާސީ ޕާޓީތައް އެއްއަމާޒަކަށް މަސައްކަތްކުރާންޖެހޭ ވަގުތު ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް
30 އޮކްޓޯބަރު 2024 - 11:17 0
މިއީ އިދިކޮޅު ޕާޓީތައް އެއް އަޒުމަކަށް މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތައް ރިފޯމް ކުރުމަށް ޑިމޮކްރެޓްސްއިން ހުށަހެޅި ހުށަހެޅުން ތަންފީޒު ނުކޮށް، މުށުތެރެއަށް ބާރު ނަންގަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކުރައްވާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސް ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ސަރުކާރު ހިންގާ ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ހަސަން ލަތީފް ކުރިން ވިދާޅުވީ ސަރުކާރުން ދައުލަތް ވަރަށް ނުބައި މިސްރާބަކަށް ގެންދާތަން ފެންނަ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުންގެ ފައިސާ ހަރަދު ކުރާ ގޮތާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން އެހެން ޕާޓީތަކާ ގުޅިގެން، ވަކިން ހާއްސަކޮށް އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އިދިކޮޅު އެންމެ މައި ޕާޓީއަކީ އެމްޑީޕީ. އެމްޑީޕީއާ އެކީގައި ޑިމޮކްރެޓްސްއަށް ކުރެވޭނީ ކޮން މަސައްކަތްތަކެއްތޯ ދެނެގަތުމަށް ފަހު، އެ މަސައްކަތްތައް ކުރުމަކީ މުހިންމު ކަމެއް ސަރުކާރު ޖަވާބުދާރީ ކުރުވަން. އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ނުރަނގަޅު މިސްރާބަކާ ދިމާލަށް ސަރުކާރުން ދައުލަތް ގެންދާތަން. ހާއްސަކޮށް އިގްތިސާދީ ކަންކަމުގައި،" ހަސަން ވިދާޅުވި އެވެ.
މި ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތަކުގެ ވާހަކަ އިދިކޮޅު ޕާޓީތަކުން ދައްކަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ ޑިމޮކްރެޓްސްއިން ސަރުކާރުން ކުރަމުންދާ ނުރަނގަޅު ކަންކަން ފާހަގަކޮށް، އެކަންކަން ރަނގަޅު ކުރުމަށް ބާރު އަޅަން ޖެހޭނެ ކަމަށެވެ.
ހަސަން އޭރު ވިދާޅުވީ ޑިމޮކްރެޓްސް އާއި އެމްޑީޕީއާ ދެމެދު ސިޔާސަތުތަކުގެ ގޮތުން އޮތް ހިޔާލު ތަފާތުވުންތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އެކުގައި މަސައްކަތް ކުރަން އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި އެއަށްވުރެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވުރެ މުހިންމު ކަމެއް މިވަގުތު ނެތް ކަމަށެވެ.
ނަމަވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރި މަޝްވަރާއަށް ފަހު ދެ ޕާޓީން ރަސްމީކޮށް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވެ އެވެ.
Comment