about 3 hours 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: އޭސީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސް މުއިއްޒުއަށް ދޭން އުޅޭއިރު އެ ކޮމިޝަނުގައި އެމަނިކުފާނުގެ އެތައް މައްސަލައެއް އެބަހުރި ---- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ކޮމިޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ބަލަމުންދާކަން އެނގިއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް މުއިއްޒުއަށް ކުރެވޭ ހިޔާނާތުގެ މައްސަލަތަކެއް ބަލަމުންދާ ކަން މީގެ ކުރިން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެ މައްސަލަތަކުގެ ތަފުސީލު ހޯދުމަށް އެދުމުން އޭސީސީން އޭރު ޖަވާބު ދިނީ އެއީ ރައީސްގެ ޒާތީ މައުލޫމާތެއް ކަމަށާއި އެ ތަފުސީލުތައް ހިއްސާކުރެވެން ނެތް ކަމަށެވެ.
ނަމަވެސް، މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ 10 އަށް ވުރެ ގިނަ މައްސަލަ އޭސީސީގައި އެބައޮތެވެ.
މި މައްސަލަތަކުގެ ތެރެއިން ކިރިޔާ ވެސް ތަފުސީލެއް ލިބެން ހުރީ ފެބުރުއަރީ 13، 2022، ގައި އޭސީސީއިން އާންމުކުރި، މައްސަލަތަކުގެ ލިސްޓެއްގަ އެވެ. އެ މައްސަލަތައް ތަހުގީގުކޮށް ނިންމިކަމެއް މިހާތަނަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގެ ގިނަ މައްސަލަތަކެވެ.
އޭގެ ތެރޭގައި ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި، ފުލެޓު ލިސްޓުގައި އޮޅުވާލުން ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލަތަކެއް ވެސް ހިމެނެ އެވެ.
ރައީސްގެ މައްސަލަތައް އޭސީސީގައި ތާށިވެފައި އޮއްވައި އެ ކޮމިޝަނުގެ ވެރިން އައްޔަންކުރުމުގެ ބާރު އެމަނިކުފާނަށް ލިބޭގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅީ މި ހިނގާ އޮކްޓޯބަރު މަހުގެ 27، ގަ އެވެ. އެ ބިލު ބަލައިގަނެ ފުރަތަމަ ބަހުސް ކުރިއަށްގެންގޮސް ކޮމިޓީއަށް ފޮނުވީ އިއްޔެ އެވެ.
މި ބިލާއެކު ރައީސަށާއި ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ރައީސް މުއިއްޒު ވަނީ، ދައުލަތުގެ ބާރުތަކަށާއި މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ނުކުރައްވާނެ ކަަމަށާއި ނަމަވެސް އެ ތަންތަން އިސްލާހު ކުުރުމަށް ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެންނަން ހުށަހަޅާނެ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އޭސީސީން ބަލަމުންދާ މައްސަލަތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ނުކުރަނީ ތަހުގީގުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް އެ މައްސަލަތައް ބޭނުންކޮށްގެން މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Comment