about 3 hours 0
ހަސަން މުހައްމަދު
ރައީސް މުއިއްޒު އަޒީމާ އަދި ސަރީރު މަގާމުތަކަށް އައްޔަން ކުރެއްވުމަށްފަހު: އެ ދެ ބޭފުޅުންނަކީ ވެސް ވަރަށް ދިގު މުއްދަތެއްގައި ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ކުރައްވަމުންދާ ދެ ބޭފުޅުން -- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ދިވެހިރާއްޖެއިން އިންޑިއާ އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރުން އެ މަގާމުތަކަށް މިއަދު އައްޔަންކޮށްފި އެވެ.
ސަފީރުން އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އިންޑިއާ ސަފީރަކަށް އައްޔަން ކުރެއްވީ އައިޝަތު އަޒީމާ އެވެ. ސައުދީ ސަފީރަކަށް އައްޔަން ކުރެއްވީ އަހުމަދު ސަރީރެވެ.
އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަން ކުރި އައިޝަތު އަޒީމާ މީގެ ކުރިން އޯގަސްޓު، 2019، އިން ފެށިގެން ސެޕްޓެމްބަރު، 2023، ހަމައަށް ހުންނެވީ ޗައިނާގެ ސަފީރުގެ މަގާމުގަ އެވެ. އަޒީމާ ފޮރިން މިނިސްޓްރީގެ ވަޒީފާއާ ގުޅިވަޑައިގަތީ 1988 ވަނަ އަހަރެވެ.
މީގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ އިންޑިއާ ޑެސްކުގެ ހެޑްގެ މަގާމުގަ އެވެ. އޭގެ ކުރިން ވެސް އިންޑިއާ ޑެސްކުގެ ތަފާތު އިސް މަގާމުތައް އަޒީމާ ފުރުއްވި އެވެ. ޗައިނާއާއެކު ރާއްޖެއިން ސޮއި ކުރި ފްރީ ޓްރޭޑް އެގްރިމެންޓު އެކުލަވާލުމުގައި އަޒީމާ އިސް ދައުރެއް އަދާ ކުރެއްވި އެވެ.
ސައުދީ ސަފީރަކަށް އައްޔަން ކުރި ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ރާއްޖެއިން އެމެރިކާއަށް އަދި ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމު އޭނާ މީގެ ކުރިން އަދާ ކުރެއްވި އެވެ.
ސައުދީ ސަފީރުގެ މަގާމަށް މިއަދު އައްޔަން ކުރުމުގެ ކުރިން ހުންނެވީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ މަގާމެއްގަ އެވެ. އެ ވަޒީފާ އަދާ ކުރެއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަވައިގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment