about 3 hours 0
ހަސަން މުހައްމަދު
about 3 hours 0
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީ ކުރާނެ ފައިސާ މިހާރު ހަމަޖެހިއްޖެ ކަމަށާއި އަންނަ އަހަރު އެ މަސައްކަތް ފަށާނެ ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މެންބަރުން މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އަންނަ އަހަރު ކުރީކޮޅު ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ފަށައި، ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމެނޭ ކަމަށެވެ.
"އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން މި ދިޔައީ މިދިޔަ ހަފުތާގައި. މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ އަހަރު، 2025 ވަނަ އަހަރުގެ ކުރީކޮޅު ފަށައި 2025 ވަނަ އަހަރުގެ ފަހުކޮޅު ނޫނީވިއްޔާ 2026 ވަނަ އަހަރުގެ ކުރީކޮޅަށް އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މިހާރުގެ ކެޕޭސިޓީއަކީ 1500 ޓަނެވެ. އަދި ބްރައިން ފްރީޒިން ކެޕޭސިޓީއަކީ 50 ޓަނެވެ. އެކަމަކު އެ ކޮމްޕްލެކްސް ތަރައްގީކޮށް ނިމުމުން، 2500 ޓަނަށް ފެކްޓަރީގެ ގާބިލުކަން އިތުރު ކުރެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިތުރު ކުރެވޭ ވަސީލަތާ އެކީގައި އިތުރު 1000 ޓަނު އަޅުގަނޑުމެންނަށް މި ފެސިލިޓީއަށް އެބަ އިތުރު ކުރެވޭ. އެއީ މަސް ފިނިކޮށް ރައްކާ ކުރުމަށްޓަކައި އިތުރު 1000 ޓަނާއެކީގައި އިތުރު 50 ޓަނުގެ ބްރައިން ފްރީޒިންއާއެކީގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިތަނުގެ ކެޕޭސިޓީ 2500 އަށް އިތުރު ކުރެވިގެން މި ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ވައުދުން މި ސަރުކާރު ނުފިލައި، އެ ވައުދު ފުއްދަވާނެ ކަމަށެވެ.
"48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމުގެ ވައުދަކީ މި ސަރުކާރުގެ ވައުދެއް. އެއީ އަޅުގަނޑުމެން ފިލާނެ ވައުދެއް ނޫން. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިރާދަކުރެއްވިޔާ ތަންފީޒު ކުރައްވާނެ ވައުދުފުޅެއް،" އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment