Advertisement

ތެލުގެ ސަބްސިޑީ ދޭން ބަޖެޓަށް ވުރެ ގިނައިން ހަރަދުކޮށްފި، ސަޕްލިމެންޓަރީ ލައިގެން ވެސް ނުވޭ

29 އޮކްޓޯބަރު 2024 - 11:40 1

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅުއްވަނީ: އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ބަޖެޓު އިތުރުކުރަން ހުށަހެޅީ މަޖިލީހުގެ ހުއްދަ ހޯދައިގެން ހަރަދުތައް ކުރަން ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ތެލުގެ ސަބްސިޑީ ދޭން ބަޖެޓަށް ވުރެ ގިނައިން ހަރަދުކޮށްފި، ސަޕްލިމެންޓަރީ ލައިގެން ވެސް ނުވޭ

29 އޮކްޓޯބަރު 2024 - 11:40 1

މި އަހަރަށް ބަޖެޓު ކުރި ވަރާއި ފަހުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި ހިމެނި އަދަދަށް ވުރެ ވެސް ބޮޑު އަދަދެއް މިދިޔަ މަހުގެ ނިޔަަލަށް ތެލުގެ ސަބްސިޑީ ދޭން ހަރަދުކޮށްފައިވާ ކަން، ސަޕްލިމެންޓަރީ ބަޖެޓަށް އޮޑިޓާ ޖެނެރަލް އޮފީހުން ދިން ލަފާއިން ހާމަވެއްޖެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ތެލުގެ ސަބްސިޑީއަށް ބަޖެޓު ކުރި 775.5 މިލިއަން ރުފިޔާ އެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި ތެލުގެ ސަބްސިޑީއަށް އިތުރުކުރަން ފިނޭންސް މިނިސްޓްރީން އެދުނީ 589.9 މިލިއަން ރުފިޔާ އެވެ. މި ދެ އަދަދު އެއްކޮށްލުމުން މުޅި އަހަރަށް ތެލުގެ ސަބްސިޑީ ދޭން ބަޖެޓު ކުރީ 1.3 ބިލިއަން ރުފިޔާ އެވެ.

މިހެން ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް ފިއުލް ސަބްސިޑީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފައި ވެ އެވެ. އެ އޮފީހުން މިހެން ބުނީ ދައުލަތުގެ ހަރަދުގެ ހިސާބުތައް ބަލަހައްޓާ ސެޕް ސިސްޓަމުގައި ހުރި އަދަދުތަކާ ހަވާލާދީ އެވެ. އެހެންކަމުން ސަޕްލިމެންޓަރީ ބަޖެޓު ހިމަނައިގެން ވެސް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ތެލުގެ ސަބްސިޑީ ދޭން 219.8 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ސަޕްލިމެންޓަރީ ބަޖެޓަށް ދިން ލަފާގެ އިތުރުން، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވެސް މި ކަންބޮޑުވުން ހިއްސާކުރި އެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅި އިރު ވެސް ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާކަން އެ އޮފީހުގެ ބޭފުޅުން އެ ކޮމިޓީގައި ދެއްކެވި ވާހަކަތަކުން ސާފު ވެ އެވެ.

"މި ކަންތައްތަކަށް ބަލާއިރުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ އެހީ އަދި ސަބްސިޑީގެ ފައިސާއަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފާސްކުރި ބަޖެޓަށް [ވުރެ] އިތުރަށް ހަރަދުކޮށްފައިވާ ބައިތައް ކަމަށް ބެލެވޭ. މީގެ ތެރޭގައި ފާހަގަކޮށްލަން ފިއުލް ސަބްސިޑީގެ އެކްޗުއަލް ހަރަދުގެ ގޮތުގައި މި ދައްކާ އަދަދު އިނގޭތޯ. 1.5 ބިލިއަން ރުފިޔާ ހަރަދުވެފަ އިން ކަމަށް ސެޕް ސިސްޓަމުން އެބަ ދައްކާ،" އޮޑިޓު އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ކޮމިޓީގައި ވިދާޅުވި އެވެ.

ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ސަރުކާރުން ހަރަދު ކުރި ކަމަށް އޮޑިޓު އޮފީހުން ބުނާ އިރު، މިއީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ އަންނަނީ ވިދާޅުވަމުންނެވެ. އަދި ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރުން ސަޕްލިމެންޓު ހުށަހަޅަނީ ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ހަރަދުތައް ކުރިއާލާ މަޖިލީހުގެ ހުއްދަ ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.