28 އޮކްޓޯބަރު 2024 - 20:48 1
މުހައްމަދު ޝަހްޒާން
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ -- ފޮޓޯ: އަދަދު ފައިލް
28 އޮކްޓޯބަރު 2024 - 20:48 1
ކުރީގެ ނައިބު ރައީސް އަދި އޮފްޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްސަލަ އަނެއްކާ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
ޖިހާދުގެ މައްސަލަ ހައި ކޯޓުން ބޭރު ކޮށްލީ ޖިހާދު އުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ދިން މުއްދަތު ފަހަނައަޅައި ދިޔަފަހުން ޕީޖީން މައްސަލަ ހުށަހެޅުމުންނެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން އުފުލީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސޮއިކުރެއްވި މައްސަލައިގައި "ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.
އޭރު ސަރުކާރުން ސޮއި ކުރީ ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރީމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަން ޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.
އެ މައްސަލައިގައި ޖިހާދުގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ނުބެލޭނެ ކަމަށް ނިންމީ ދައުވާއެއްގައި ހުންނަން ޖެހޭ އަސާސީ ކަންކަމާއި ތަހުގީގު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައިފަ އެވެ.
ހައި ކޯޓުގައި އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރީ ކްރިމިނަލް ކޯޓުން ބޭރު ކޮށްލުމުން އޯގަސްޓު 12، 2024 ގަ އެވެ. ނަމަވެސް ޖިހާދު ދިރިއުޅޭ ތަނެއް ނޭނގޭތީ އެ މައްސަލަ އޭރު ހައިކޯޓުން ބޭރުކޮށްލީ ޖިހާދު ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ ޖިހާދު ދިރިއުޅޭ އެޑްރެހެއް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ޕީޖީއަށް އަންގައިފަ އެވެ. މައްސަލަ އަލުން ހުށަހަޅަން ޕީޖީއަށް ދިނީ ސެޕްޓެމްބަރު 19 އިން ފެށިގެން 15 ދުވަހެވެ.
ނަމަވެސް ޕީޖީން އެ މައްސަލަ އަލުން ހުށަހަޅައިފައި ވަނީ ހައިކޯޓުން ދިން މުއްދަތު ފަހަނައަޅައި ދިޔަފަހުން މިމަހުގެ 13 ވަނަ ދުވަހު އެވެ.
Comment