Advertisement

ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ރެއާލަށް ހިތްދަތި ބައްޔެއް

27 އޮކްޓޯބަރު 2024 - 01:59 0


ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ރެއާލަށް ހިތްދަތި ބައްޔެއް

27 އޮކްޓޯބަރު 2024 - 01:59 0

މެޑްރިޑް (އޮކްޓޫބަރު 27) - ސްޕެނިޝް ލީގުގައި މިރޭ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑު 4-0 އިން ހިތްދަތި ގޮތަކަށް ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު، ލީގުގައި ބަލިނުވެ ބާސެލޯނާ އިން ހަދާފައި އޮތް ރެކޯޑާ ހަމަކުރަން ރެއާލުން ކުރި މަސައްކަތް ފެނަށް ދިޔައީ އެވެ. ބާސެލޯނާ އިން ބަލިނުވެ، 43 މެޗު ހަމަކުރިއިރު، މިރޭގެ މެޗަކީ، ރެއާލުން ބަލިނުވެ، ކުރިމަތިލި 43 ވަނަ މެޗެެވެ.

އެކަމަކު، އެ ޓީމު މި ވަނީ އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް ބަލިވެފަ އެވެ.

ރެއާލް ދަނޑުގައި މިރޭ އެ ޓީމުން 30 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެކަމަކު، ކީލިއަން އެމްބާޕޭ ޖެހި މި ގޯލު ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެވެ. އެމްބާޕޭ، މި މެޗުގައި ގިނަ ފަހަރުތަކެއް މަތިން ވަނީ އޮފްސައިޑްވެފަ އެވެ.

މެޗުގެ އޮއެވަރު ބާސެލޯނާ ކޮޅަށް އެނބުރުނީ ތިން މިނިޓް ތެރޭ، ރޮބަޓް ލެވަންޑޯސްކީ ދެ ގޯލު ޖަހައި، ބާސެލޯނާ އަށް ލީޑެއް ހޯދައިދިނުމުންނެވެ.


ލެވަންޑޯސްކީ ފުރަތަމަ ގޯލު ޖެހީ 54 ވަނަ މިނިޓްގަ އެވެ، އޭގެ ދެ މިނިޓް ފަހުން، އޭނާ ދެ ވަނަ ގޯލު ޖެހި އެވެ.

ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ. ބަދަލުގައި އެރި ކީޕަރު، އަންޑްރީ ލުނިން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ބާސެލޯނާ އިން 77 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖެހި އެވެ. ރަފީނިއާ ދިން ބޯޅައަކުން މި ލަނޑު ޖެހީ 17 އަހަރުގެ ލަމީން ޔަމާލް އެވެ. މި ގޯލާ އެކު، ޔަމާލް ވެފައިވަނީ، އެލް ކްލަސިކޯގެ ތާރީހުގައި ވެސް ގޯލު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ. އޭނާ ގޯލު ޖެހިއިރު، އުމުރަކީ 17 އަހަރާއި 106 ދުވަހެވެ.

އަދި އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 84 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

މި މޮޅާ އެކު، ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން 11 މެޗުން ބާސެލޯނާ އަށް 30 ޕޮއިންްޓް ލިބިފައިވާއިރު، ރެއާލް ދެ ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ.

ހަންސީ ފްލިކްގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާ އިން މި ވަނީ ހަފްތާއެއްގެ ތެރޭގައި ބަޔާން މިއުނިކާއި ރެއާލް ބަލިކޮށްފަ އެވެ.