Advertisement

ރެކޯޑު ނުކޮށް ހަރަދު ކުރި ކަމަށް ބުނާ ދެ ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގައި ނުހިމަނާ

24 އޮކްޓޯބަރު 2024 - 15:21 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. ކުރީގެ މާލީ ވަޒީރު އަމީރު ވިދާޅުވީ މި ދެ ބިލިއަނަކީ މި މަޝްރޫއުއަށް ހަރަދުވި ފައިސާ ކަމަށް --- ފޮޓޯ: އަދަދު ފައިލް


ރެކޯޑު ނުކޮށް ހަރަދު ކުރި ކަމަށް ބުނާ ދެ ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގައި ނުހިމަނާ

24 އޮކްޓޯބަރު 2024 - 15:21 0

މިދިޔަ އަހަރުގެ ބަޖެޓުގައި ރެކޯޑު ނުކޮށް ހަރަދު ކުރި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ނުހިމެނޭ ކަން ބަޖެޓު ތަފުސީލުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަޕްލިމެންޓްރީ ބަޖެޓު ފޮތުގައި، މި އަހަރުގެ ބަޖެޓު ސަޕްލިމެންޓުގައި އެންމެ ބޮޑު އަދަދެއް ހިމަނާފައި ވަނީ ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް އިތުރުކުރާ ބަޖެޓަށެވެ. އެގޮތުން ދެ ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޕީއެސްއައިޕީ ބަޖެޓަށް އިތުރުކުރާ ފައިސާގެ ތެރޭގައި ހިމެނެނީ ބިން ހިއްކުމަށާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ ބަޖެޓަށް އިތުރުކުރާ ފައިސާ އެވެ. ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ އަދަދުތަކުގައި ބަޖެޓު ހަރަދުކުރާ ގޮތުގެ ތަފުސީލެއް އެނގެން ނެތް ނަމަވެސް ވަކި ދާއިރާތަކަށް ހަރަދުކުރާ ވަރު އެނގެން އެބައޮތެވެ. އެއީ:

  • ބިން ހިއްކުމާއި ބިން ގަތުމަށް - 1.2 ބިލިއަން ރުފިޔާ
  • މަގާއި ފާލަން އަދި ބްރިޖު ފަދަ ތަންތަނަށް - 255 މިލިއަން ރުފިޔާ
  • ވައިގެ ބަނދަރު - 475 މިލިއަން ރުފިޔާ

އެގޮތުން, ބަޖެޓަށް އިތުރު ކުރާ ފައިސާގެ ތެރޭގައި ޒަމީރު ފާހަގަކުރެއްވި ދެ ބިލިއަން ރުފިޔާ ނުހިމެނޭ ކަން އިތުބާރު ހުރި މަސްދަރުތަކުން ވެސް "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. އަދި އެކަމާ ގުޅޭ ލަފާ އޮޑިޓާ ޖެނެރަލް އޮފީހުން އަދި ނުލިބުނު ނަމަވެސް އެއީ ކުރީ އަހަރުގެ ހަރަދެއް ކަމުން، ފިނޭންސުން ނިންމާފައި ވަނީ އެ ފައިސާ ކުރީ އަހަރުގެ ބަޖެޓުގައި ރެކޯޑު ކުރާށެވެ.

މި ކަންކަމުގެ ތަފުސީލު އެނގޭނީ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމުންނެވެ. ދެން އޮންނާނެ ގޮތަކީ ރިވައިސްޑް އަދި އެކްޗުއަލް ހަރަދުތައް ރެކޯޑު ކުރާއިރު، މިދިޔަ އަހަރުގެ ބަޖެޓުގެ ތެރޭގައި އެ އަދަދު ހިމެނުމެވެ.

މިއީ ކޮން ފައިސާއެއް ކަން ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރައްވާފައިވާ ގޮތުގައި އެ ފައިސާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދީ ފަންޑުން ލިބުނު ޕޭމަންޓެކެވެ. އަދި ބޭރުގެ ޑޯނާ ފަންޑަޑް ޕްރޮޖެކްޓުތަކުގައި އަބަދު ވެސް ކަންކުރަމުން އައި ގޮތަކީ އެ ފައިސާ ދޫކުރުމުން ބަޖެޓުގައި ރެކޯޑު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.