22 އޮކްޓޯބަރު 2024 - 15:10 0
މުހައްމަދު ޝަހްޒާން
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު -- ފޮޓޯ: ފުލުހުން
22 އޮކްޓޯބަރު 2024 - 15:10 0
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކި މައްސަލަތަކާ ގުޅިގެން 48 ފުލުހަކަށް ފިޔަވަޅު އަޅައި 17 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންނާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި އެ މުއައްސަސާއިން ތަހުގީގު ކުރާ އެހެން މައްސަލަތަކެކޭ އެއްގޮތަށް ފުލުހުންނާ ގުޅިގެން ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ވެސް ކުރިއަށް އޮތް ތަނުގައި އާންމު ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ފުލުހުންގެ އެކިއެކި ކަންތައްތަކުގައި ހުށަހެޅިފައި ހުރި މައްސަލަތަކާ ގުޅިގެން ތަހުގީގު ކުރެވި 48 ފުލުހަކަށް ވަނީ ފިޔަވަޅު އެޅިފައި، މީގެ ތެރެއިން 17 ފުލުހަކު ވަނީ ވަޒީފާއިން ވަކި ކުރެވިފައި. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި މި ޕްރޮސެސް ވެސް ހަމަ ޕްރޮފެޝަނަލީ ދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން،" ޝުޖާއު ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ފުލުހުން ތަމްރީނުކޮށް ޕްރޮފެޝަނަލް ފުލުހުން ހިދުމަތަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ
އެގޮތުން އައްޑޫ އާއި ވާނީގައި މިހާރު ވެސް 360 އަށްވުރެ ގިނަ ފުލުހުން ތަމުރީނު ހަދަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެ ފުލުހުން ނުލައި ވެސް އެ މުއައްސަސާގައި 500 އަށްވުރެ ގިނަ ރެކްރޫޓުން (ޓްރެއިނިން ނުހަދާ ފުލުހުން) އެބަތިބި ކަމަށާއި މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރު ފެށުމުގެ ކުރިން އެ ހުރިހާ ފުލުހުންނަށް ވެސް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް ފަހު ހިދުމަތައް ނެރެވޭތޯ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
Comment