Advertisement

އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަން އާންމުކުރަނީ

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އިމާރާތް: އެޗްޑީސީއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ކުންފުނި -- ފޮޓޯ: އަދަދު ފައިލް


އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަން އާންމުކުރަނީ

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިސާ ދައްކަންޖެހި ނުދައްކާހުރި ނަމަ، އަންނަ މަހުގެ ނިޔަލަށް އެ ފައިސާ ދައްކަން ފުރުސަތު ދީ، އެ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކުގެ ނަންތައް ހާމަކުރާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މިގޮތަށް ނަން އާންމުކުރާނީ ވިޔަފާރި އުސޫލުން އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިދުމަތްތަކާއި ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކޯޕަރޭޝަނަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ.

"ދެންނެވުނު މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި މި ކޯޕަރޭޝަނަށް ދައްކަންޖެހޭ ފައިސާގެ ތަފުސީލުތައް މި ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއު ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ." އެޗްޑީސީގެ އިއުލާނުގައިވެ އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ އެ ނިންމުން ނިންމީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ ހޯދުމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފު ކުރުމަށް އެޗްޑީސީގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

އެޗްޑީސީއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން ރައުސުލްމާލާއި އާމްދަނީ އާއި ފައިދާގެ ގޮތުން ބެލި ކަމުގައި ވިޔަސް އެންމެ ބޮޑު ކުންފުންޏެވެ. މި ކުންފުނީގެ މައިގަނޑު ވިޔަފާރިއަކީ ހުޅުމާލޭ އާއި ތިލަފުށީގައި ހުރި ބިން ވިއްކުމެވެ.