Advertisement

އެޗްޑީސީގެ "ޓްރާންސްފޯމިން ޓުމޯރޯ" ޕްލޭން އިފްތިތާހުކޮށް، ތަރައްގީގެ ޕްރޮޖެކްޓުތައް ދައްކާލައިފި

13 ނޮވެންބަރު 2024 - 11:28 0

އަމަން ހަލީމް

އަމަން ހަލީމް

އެޗްޑީސިގެ ޓްރާންސްފޯމިން ޓުމޯރޯ ޕްލޭންގައި ދައްކާލި ފަރުކޮޅުފުށި ގޭޓަޑް ކޮމިއުނިޓީ: މި ތަނަކީ ރިސޯޓު ފެންވަރުގެ ދިރިއުޅަމެއް ގެނެސްދޭން އަމާޒުކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ގެތައް ހިމެނޭ ސަރަހައްދެއް -- ފޮޓޯ: އެޗްޑީސީ


އެޗްޑީސީގެ "ޓްރާންސްފޯމިން ޓުމޯރޯ" ޕްލޭން އިފްތިތާހުކޮށް، ތަރައްގީގެ ޕްރޮޖެކްޓުތައް ދައްކާލައިފި

13 ނޮވެންބަރު 2024 - 11:28 0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޭޝަން (އެޗްޑީސީ) އިން ހިންގަން ރާވާފައިވާ ތަރައްގީގެ ޕްރޮޖެކްޓުތައް ހިމެނޭ "ޓްރާންސްފޯމިން ޓުމޯރޯ" ޕްލޭން އިފްތިތާހުކޮށް، އެ ތަންތަން ހުންނާނެ ގޮތުގެ ކުރެހުމެއް ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.

އެޗްޑީސީން އިއްޔެ ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަފުލާއެއްގައި، މި ޕްލޭން އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާ އިފްތިތާހުކޮށްދެއްވި ޕްލޭނުގައި އެ ކުންފުނިން ފަށާފައިވާ ރަސްމާލެ މަޝްރޫއު ހިމެނޭހެން 15 މަޝްރޫއެއްގެ ބައެއް ތަފުސީލުތައްދީ، ދައްކާލާފައި ވެ އެވެ.

އެ ގޮތުން މައިގަނޑު ގޮތެއްގައި ދައްކާލާފައި ވަނީ ހުޅުމާލޭގައި އެ ކުންފުނިން ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި އޮފީސް އިމާރާތްތަކާއި ޕާކިން ބިލްޑިންތަކުގެ އިތުރުން އެ ކުންފުންޏަށް ދީފައިވާ ގަލުފަޅާއި މާގިރިފަޅު ތަރައްގީކުރާނެ ގޮތުގެ ޕްލޭނާއި ވެއާހައުސް އިމާރާތެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް

އެޗްޑީސީން ހިންގަން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސޯޝަލް ހައުސިންއާ ގުޅޭ ދެ މަޝްރޫއެއް ހިމެނެ އެވެ. ޖުމްލަ 2100 ހައުސިން ޔުނިޓު ހިމެނޭ މި މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރުއުގެ ދަށުން ތަރައްގީކުރަނީ 1700 ޔުނިޓެވެ. އަނެއް މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 400 ހައުސިން ޔުނިޓެވެ.

ރޯހައުސްތަކުގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދުގެ ކުރެހުމެއް: މިހާރު ހުރި ރޯހައުސްތަކަށް ވުރެ ވެސް މި ތަނގެ ފެންވަރު ރަނގަޅު ވާނެ ކަމަށް އެޗްޑީސީން ބުނޭ -- ފޮޓޯ: އެޗްޑީސީ


ދެން ދައްކާލާފައި ވަނީ ފަރުކޮޅުފުށީގައި ތަރައްގީކުރާ ގޭޓަޑް ކޮމިއުނިޓީ އެވެ. މަތީ ފަންތީގެ ދިރިއުޅުމަށް އަމާޒުކޮށްގެން މި މަޝްރޫއަކީ ރިސޯޓު ފެންވަރުގެ ދިރިއުޅުމެއް އުޅެވޭނެ ތަންތަނާއި ހިދުމަތްތަކާ އެކީ ތަރައްގީކުރާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.

އޭގެ އިތުރުން ރޯ ހައުސްތައް ހިމަނައިގެން ތަރައްގީކުރާ ސަރަހައްދަކާއި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް ގެދޮރު އަޅައިދޭން ފަސޭހާ ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި "ޕްރީފެބް ހޯމްސް" މަޝްރޫއެއް ވެސް ދައްކާލާފައި ވެ އެވެ. މިއީ ސަރުކާރުން އިފްތިތާހުކޮށްފައިވާ ހިޔާވެހި ފައިނޭންސިން ސްކީމަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ގަލުފަޅާއި މާގިރިފަޅުގެ ތަރައްގީގެ ޕްލޭން

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ދޫކޮށްލަން ޖެހުނު ގޯތިތަކުގެ ބަދަލުގައި އެޗްޑީސީއަށް ދޫކޮށްފައިވާ ދެ ފަޅު ވެސް ތަރައްގީކުރަނީ މަތީ ފަންތީގެ ދިރިއުޅުމަށް އަމާޒުކޮށްގެންނެވެ.

އެ ގޮތުން ގަލުފަޅުގައި ތަރައްގީކުރަނީ "ނޫވެލި" ނަމުގަ އެވެ. މި ތަނުގައި ލަގްޒަރީ ގެދޮރާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ކޮމާޝަލް ޕްލާޒާއަކީ "މައިސް" މާކެޓަށް އަމާޒުކޮށްގެން އިވެންޓު ބާއްވާނެ ތަންތަނާއި ކޮންވެންޝަން ސެންޓަރަކާއި އެގްޒިބިޝަން ހޯލްތައް ތަރައްގީކުރާނެ އެވެ.

ގަލުފަޅުގައި ތަރައްގީކުރާ "ނޫވެލި" އޮންނާނެ ގޮތުގެ ކުރެހުމެއް: މިއީ ވެސް މަތީ ފަންތީގެ ދިރިއުޅުމަށް އަމާޒުކޮށްގެން ތަރައްގީކުރާ ތަނެއް -- ފޮޓޯ: އެޗްޑީސީ


މާގިރިފަޅު ތަރައްގީކުރަނީ "ކިނާރިއާ" ގެ ގޮތުގަ އެވެ. މި ފަޅު ތަރައްގީކުރަނީ އިންޓަގްރޭޓަޑް ޓޫރިޒަމް ރަށަކާއި އެންޓަޓެއިންމަންޓް އައިލެންޑަކާއި ކޭމްޕިން އައިލެންޑެއް ހިމެނޭ ގޮތަށެވެ. ވަކިވަކިން އޮންނަ މި ތިން ރަށް ހާއްސަކޮށްފައި ވަނީ މި ބޭނުންތަކަށެވެ.

އެހެން ޕްރޮޖެކްޓުތައް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ، އެސްއެމްއީ ބިލްޑިން އާއި ސަރުކާރު ކުންފުނިތަކަށް ވެސް އޮފީސްތައް ހުންނާނެ އެޗްޑީސީގެ އާ އޮފީސް އިމާރާތާއި ވެއާހައުސް ކޮމްޕްލެކްސް އެއް ތަރައްގީކުރުން އެޗްޑީސީގެ ޕްލޭނުގައި ހިމެނެ އެވެ. ހަމައެހެންމެ ކިޔަވައިދިނުމަށް ހާއްސަ ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރާ ނޮލެޖު ޕާކާއި ތާރީހާއި ސަގާފަތުގެ ކަންކަން ދައްކުވައިދޭ ހިސްޓޮރިކަލް ސެންޓާއެއް ވެސް އެޗްޑީސީން ދައްކާލާފައިވެ އެވެ.

އޭގެ އިތުރުން 15 ޕާކިން ބިލްޑިން އާއި އައިލް އެޗްވެންޗާ ޕާކުގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދު ވެސް އެޗްޑީސިން ވަނީ ދައްކާލާފަ އެވެ. މި ސަރަހައްދަކީ ކުރިން ވެސް ވޯޓާ ޕާކެއް ތަރައްގީކުރަން ބަޔަކާ ހަވާލުކުރި ތަނެކެވެ. މި ޕާކު ތަރައްގީކުރަން ލަންކާގެ ޑޭވިޑް ޕީރިސް ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏަކާ އެކީ އެމްއޯޔޫއެއްގައި ވެސް ރޭ ބޭއްވި ހަފުލާގެ ތެރެއިން ސޮއިކުރި އެވެ.