Advertisement

ވޭޕް މަނާ ކުރުމާ ދެކޮޅަށް ޒުވާނުން މަޖިލިސް ކައިރީ އިހުތިޖާޖު ކުރަނީ

ވޭޕް މަނާ ކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވޭޕް މަނާ ކުރުމާ ދެކޮޅަށް ޒުވާނުން މަޖިލިސް ކައިރީ އިހުތިޖާޖު ކުރަނީ

ސަރުކާރުން ވޭޕް މަނާ ކުރަން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިސް ކައިރީ އާންމުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މަޖިލިސް ކައިރިއަށް އެއްވި މީހުން ގޮވާލަމުން ދަނީ ކުދި ވިޔަފާރިތަކަށް ވޭޕް މަނާ ކުރުމުން ބޮޑެތި ގެއްލުންތައް ވާނެ ކަމަށާއި ވޭޕް ބޭނުންކުރުމަކީ ޖިނާއީ ކުށަކަށް ހެދުމުގެ ބަދަލުގައި އެކަން ރެގިއުލޭޓް ކުރުމަށެވެ.

ވޭޕް މަނާނުކުރަން ގޮވާލައި މަޖިލިސް ކައިރިއަށް އެއްވި މީހުން ތިބީ އެކި ޝުއޫރުތައް ލިޔެފައި ތިބި ބޯޑުތައް ހިފައިގެންނެވެ. އެ ބޯޑުތަކުގައި ލިޔެފައި ވަނީ ވޭޕް މަނާ ކުރުމާ ގުޅިގެން އެމީހުންގެ ޝުއޫރުތަކެވެ.

މަޖިލިސް ކައިރިއަށް ވޭޕް ކޮމިއުނިޓީގެ މީހުން އެއްވެެފައި މިވަނީ ވޭޕް މަނާކުރުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން މާލޭގައި ވޭޕް ވިއްކާ ފިހާރަތައް ބަންދު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ވޭޕް މަނާ ކުރުމާ ދެކޮޅަށް ކުރާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ނޮވެމްބަރު 15، އިން ފެށިގެން އެތެރެ ކުރުން މަނާކޮށް، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިސްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

އެ ނިންމުމާ ގުޅިގެން އާންމުންގެ ހިޔާލު ވަނީ ދެކަފިވެފަ އެވެ. މިގޮތުން، ބައެއް އާންމުން އެކަމަށް ތައުރީފް ކުރަމުން އަންނައިރު، ސަރުކާރަށް ދިން ވަގުތު ކުޑަވުމުން ބައެއް މީހުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އޭގެ އިތުރުން ރާއްޖެއިން ހަމައެކަނި ވޭޕް މަނާކޮށް، ދުންފަތުގެ ބާވަތްތައް މަނާ ނުކުރާތީ ވެސް ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަން ނިންމައިފަ އެވެ.