Advertisement

ޓެކްސް ބޮޑު ކުރުމުން އާދައިގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ އަދަދު މަދުވާނެ: މެންބަރު މުސްތަފާ

މެންބަރު މުސްތަފާ: ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ގިނައިން ކުރަނީ ދަށް ފަންތީގެ އާބާދީން ކަމަށް -- ފޮޓޯ: ސްކްރީން ގްރެބް


ޓެކްސް ބޮޑު ކުރުމުން އާދައިގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ އަދަދު މަދުވާނެ: މެންބަރު މުސްތަފާ

ސިނގިރޭޓާއި ދުންފަތުން ޓެކްސް ބޮޑު ކުރުމުން އާދައިގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާ އަދަދު މަދުވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިނގިރޭޓާއި ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރަން ހުށަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ދަށް ފަންތީގެ އާބާދީން ކަމަށާއި ޓެކްސް ބޮޑު ކުރުމުން އެ އާބާދީގެ ތެރެއިން ދުންފަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ.

"މި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ދެން އާދައިގެ ކުޑަކުޑަ ކުދިންނަކަށް މިކަން ކުރުމުގެ ގާބިލްކަމެއް ނުވަތަ ފުރުސަތެއް ނޯންނާނެ. އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ގައިމު ވެސް މިކަން ކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ،" މުސްތަފާ ވިދާޅުވި އެވެ. "ދުންފަތުގެ އިސްތިއުމާލު ކުރާ ބޮޑު އާބާދީއަކީ ހަގީގަތުގައި ދަށް ފަންތީގެ އާބާދީ."

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ނޮވެމްބަރު 1، އިން ފެށިގެން ބޮޑު ކުރައްވާނެ ކަމަށެވެ. ރައީސް ނިންމެވީ ސިނގިރޭޓަކުން މިހާރު ނަގާ 3ރ. ގެ ޓެކްސް އަށް ރުފިޔާއަށް ބަދަލުކޮށް، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ބޮޑު ކުރުމަށެވެ. މަޖިލީހަށް އިއްޔެ ހުށަހަޅައިގެން މިއަދު ބަހުސް ކުރާ ބިލުގައި ވެސް އޮތީ އެގޮތަށް ޓެކްސް ބޮޑު ކުރުމަށެވެ.

އެ ބިލަށް މިއަދު ބަހުސް ކުރި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ، ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުމުން ދުންފަތް ބޭނުން ކުރާ މީހުންގެ އަދަދު މަދުވާނެތޯ ސުވާލު އުފައްދައިފަ އެވެ. އަދި ރައްޔިތުން ހޭލުންތެރިނުކޮށް، ޓެކްސް ބޮޑު ކުރުމުން ނުކުންނާނެ ނަތީޖާއާމެދު ވެސް އެމްޑީޕީގެ މެންބަރުން ސުވާލު އުފެއްދި އެވެ.

"ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރާތީ ވެސް އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ ބޮޑު ކުރާ ޑިއުޓީއަކުން ނަތީޖާއެއް ނުފެނެއޭ. ނަންބަރުތަކުން އެކަން އެ ހުރީ ސާފުކޮށް ފެންނާށޭ،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ވޭޕް އާއި ވޭޕުގެ ބާވަތްތައް މަނާ ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ސަރުކާރުން ނިންމާފައި ވަނީ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޑިސެމްބަރު 15، އިން ފެށިގެން ވޭޕް ބޭނުން ކުރުން ވެސް މަނާ ކުރުމަށެވެ.

ރާއްޖޭގައި 2019 ވަނަ އަހަރު ހެދި ސްޓެޕްސް ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ. އަދި ދުންފަތް ބޭނުން ކުރާ ކުޑަކުދިންގެ އަދަދު ވެސް މަތިކަން ދިރާސާއިން ދައްކަ އެވެ. ކުޑަކުދިން އެންމެ ގިނައިން ބޭނުން ކުރަނީ ވޭޕެވެ.