Advertisement

ހުޅުމާލޭން ބަޔަކަށް ދޫކުރި ބިންތަކެއް އަތުލި މައްސަލައެއްގައި އެޗްޑީސީއާ ދެކޮޅަށް ވަގުތީ އަމުރެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހި: އެޗްޑީސީ އާ ދެކޮޅަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އާރުއެޗްއާރުން އެދުނު ގޮތަށް -- ފޮޓޯ: އަދަދު ފައިލް


ހުޅުމާލޭން ބަޔަކަށް ދޫކުރި ބިންތަކެއް އަތުލި މައްސަލައެއްގައި އެޗްޑީސީއާ ދެކޮޅަށް ވަގުތީ އަމުރެއް

ހުޅުމާލޭގައި ކޮމާޝަލް އަދި ލަގްޒަރީ ރެޒިޑެންޝަލް އިމާރާތްތަކެއް އެޅުމަށް ރުއްގަނޑު ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް (އާރުއެޗްއާރު) އާއި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވީ އެއްބަސްވުންތައް ބާތިލު ކުރި މައްސަލައެއްގައި، ކޯޓުން ވަކި ގޮތެއް ނިންމަންދެން އެ ބިންތަކާ ގުޅޭ އިތުރު މުއާމަލާތެއް ކުރުން މަނާކޮށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރުނީ އާރުއެޗްއާރުން އެދުނު ގޮތަށް ހުޅުމާލެ ލޮޓް ނަންބަރު، 20096 އާއި 20097 އާއި 20093 އަށް އެއްވެސް ބަދަލެއް ނުގެނެސް ބޭއްވުމަށެވެ. ސަބަބެއްގެ ގޮތުގައި އަމުރުގައި ބުނީ އެ ކޯޓުން ބަލަމުންދާ މައްސަލައިގެ ހުކުމެއް ކުރާއިރު، އެ ބިމުގައި މަސައްކަތްތަކެއް ކޮށްފި ނަމަ، ނުވަތަ އެހެން ބަޔަކަށް ދޫކޮށްފި ނަމަ ހުކުމް ތަންފީޒު ކުރަން ހުރަސް އެޅޭނެ ކަމަށެވެ.

އެޗްޑީސީ އާ ދެކޮޅަށް ވަގުތީ އަމުރަކަށް އާރުއެޗްއާރުން އެދުނީ ހުޅުމާލޭގައި ދެ އިމާރާތް އެޅުމަށް އެ ދެ ކުންފުނީގެ ދެމެދުގައި އޯގަސްޓު 18، ގައި ވީ އެއްބަސްވުންތައް އެޗްޑީސީން ބާތިލު ކުރީ ރަނގަޅަށް ނޫން ކަމަށް ބުނެ އެވެ.

އެގޮތުން އެޗްޑީސީ އާއެކު ވީ ކޮމާޝަލް އެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާތިލު ކުރުމާ ހަމައަށް އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 352،154.60 ޑޮލަރާއި ރެޒިޑެންޝަލް އެއްބަސްވުމުގެ ދަށުން އެއްބަސްވުން ބާތިލު ކުރުމާ ހަމައަށް 588،847.7 ޑޮލަރު ދައްކާފައިވާ ކަމަށް އާރުއެޗްއާރުން ބުނެފައިވެ އެވެ.

ނަމަވެސް އެ ފައިސާ ދައްކާފައި އޮތްއިރު ވެސް ހަވާލު ކުރަންޖެހޭ ބިންތައް އެއްބަސްވުމާ އެއްގޮތަށް އެޗްޑީސީން އާރުއެޗްއާރާ ހަވާލު ކޮށްފައި ނުވާ ކަމަށާއި، އެ ބިންތައް ހަވާލު ކޮށްދިނުމަށް އެދި ފަސް ފަހަރު އެޗްޑީސީއަށް ސިޓީ ފޮނުވާފައިވާ ކަމަށް އާރުއެޗްއާރުން ބުނެފައިވެ އެވެ.

ވަގުތީ އަމުރެއް ނެރެދިނުމަށް އާރުއެޗްއާރުން އެދިފައިވާ އަނެއް ސަބަބަކީ، ކޮންސެޕްޓު ޑިޒައިން ހުށަހަޅާފައި ނުވާތީ ކަމަށް ބުނެ އެޗްޑީސީން އެއްބަސްވުންތައް ބާތިލު ކުރީ އެތައް ފަހަރަކު އެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އެއްބަސްވުމުގައި އޮތް މުއްދަތު އިތުރު ކޮށްދޭން އެދިފައި އޮއްވައި ކަމަށެވެ.

އެ މައްސަލައިގައި ޖަވާބުދާރީވަމުން އެޗްޑީސީން ބުނެފައި ވަނީ އާރުއެޗްއާރުގެ ދައުވާއިން ވެސް އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެން ޖެހޭ ޖާގައެއް ނެތްކަން ސާފުވާ ކަމަށެވެ. އަދި ވަގުތީ އަމުރެއް ނެރޭ ނަމަ ސެކުއިރިޓީ ޑިޕޮސިޓުގެ ގޮތުގައި 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހައްޓައިދޭން އެދޭ ކަމަށް ވެސް އެ ކުންފުނިން ކޯޓުގައި އެދުނެވެ.

އެޗްޑީސީ އާ ދެކޮޅަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާއިރު، އެ ތިން ބިމަކީ ކޮން ސަރަހައްދެއްގައި އޮތް ތިން ބިން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.