Advertisement

ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: އަފްގާނިސްތާން އަތުންވެސް ރާއްޖެ ބަލިވެއްޖެ

20 އޮކްޓޯބަރު 2024 - 15:26 0

އަތޫފް އާތިފް

އަތޫފް އާތިފް

މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)


ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް: އަފްގާނިސްތާން އަތުންވެސް ރާއްޖެ ބަލިވެއްޖެ

20 އޮކްޓޯބަރު 2024 - 15:26 0

އުޒްބެކިސްތާންގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އަފްގާނިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުވެސް ބަލިވެއްޖެ އެވެ.

މީގެ ކުރިން މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ސީދާ ތިން ސެޓުން ބަލިވިއިރު, ދެވަނަ މެޗުގައި ރާއްޖެއިިން ނުކުތީ ތަޖިކިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. އަދި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ 25-19, 25-18 އަދި 28-26 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް, ރާއްޖޭގެ ކުޅުންތެރިން އަތުން އާދައިގެ ގޯސްތަކެއް ހެދި އަފްގާނިސްތާން އިން ބޮޑު ލީޑެއް ނެގި އެވެ. އަދި މި ސެޓުގެ ފަހު ކޮޅު ރާއްޖޭގެ ކުޅުންތެރިން އަތުން ގިނަ ސާވިސްތަކެއް މިސްވި އެވެ. މި ސެޓު އަފްގާނިސްތާން އިން ގެންދިޔައީ 25-19 އިންނެވެ.

ދެ ވަނަ ސެޓުގައި ވެސް އަފްގާނިސްތާން ފެނިގެންދިޔައީ އިތުބާރާ އެކު، ކުޅުނު މަންޒަރެވެ. މި ސެޓުގައި އަފްގާނިސްތާން އިން ކޯޓު މެދުން ކުރި އެޓޭކުތައް ކާމިޔާބުކޮށް ފެނިގެންދިޔައިރު, މި ސެޓުގައި ވެސް ރާއްޖެ އަށް ދިމާވި މައްސަލަ އަކީ އަފްގާނިސްތާންގެ އެޓޭކުތައް ރިސީވް ނުކުރެވުމުގެ މައްސަލަ އެވެ. މި ސެޓު އަފްގާނިސްތާން އިން ގެންދިޔައީ 25-18 އިންނެވެ.

މުޅި މެޗުގައި ފެނިގެންދިޔަ އެންމެ ވާދަވެރި ސެޓަކީ ތިން ވަނަ ސެޓެވެ. މި ސެޓު ފަށައިގެން އަފްގާނިސްތާނުން ހަތަރު ޕޮއިންޓްގެ ލީޑަކާއެކު ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން ރާއްޖެ އިން ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކުރި އެވެ. އަދި ސެޓު ނިމެން ވެފައި ވަނިކޮށް ރާއްޖެއިން ނިލާމް, އަދި ޝާހިދު ކުޅެން އެރުވި އެވެ. މި ސެޓު ގެންދަން ސެޓް ޕޮއިންޓް ދެ ބުރަކަށް ރާއްޖެއަށް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފި, 28-26 އިން ސެޓު ގެއްލުނީ އެވެ.

މުހައްމަދު ޝަރަފް ކޯޗަކަށް ހަމަޖައްސައި، ރާއްޖޭން މި މުބާރާތަށް ދިޔައީ ދޮޅު މަސް ދުވަހު ޕްރެކްޓިސް ކުރުމަށް ފަހު އެވެ.