Advertisement

ރެއާލް މޮޅުވިއިރު، މޮޑްރިޗް ތާރީހުގެ ތެރެއަށް

20 އޮކްޓޯބަރު 2024 - 07:43 0


ރެއާލް މޮޅުވިއިރު، މޮޑްރިޗް ތާރީހުގެ ތެރެއަށް

20 އޮކްޓޯބަރު 2024 - 07:43 0

ވީގޯ، ސްޕެއިން (އޮކްޓޫބަރު 20) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން، ލޫކަ މޮޑްރިޗް ހާއްސަ ޝަރަފަކާ އެކު އެ ކްލަބްްގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗާ އެކު މޮޑްރިޗަކީ ރެއާލަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. މޮޑްރިޗް މި މެޗުގައި ކުޅުނުއިރު އުމުރަކީ 39 އަހަރާއި 40 ދުވަހެވެ. ކުރިން މި ރެކޯޑް އޮތް ފެރެންްކް ޕުސްކަސް އަތުގައި ރެކޯޑް އޮތީ 1966 ވަނަ އަހަރުން ފެށިގެންނެވެ. މޮޑްރިޗް ރޭގެ މެޗުގައި ކުޅުނުއިރު، ޕުސްކަސް ރެކޯޑް ހެދި އުމުރަށް ވުރެ ހަތަރު ދުވަސް އިތުރެވެ.

މި މެޗުން މޮޅުވެ، ރެއާލް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެެވެ. ބާސެލޯނާ އަށް ނުވަ މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން މި ވަނީ 10 މެޗުން 24 ޕޮއިންޓް ހޯދައިފަ އެވެ. ބާސެލޯނާ އިން މިރޭ ސެވިއްޔާއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ރެއާލުން ލީޑުނެގީ މެޗުގެ 20 ވަނަ މިނިޓްގައި، އޭރިއާބޭރުން ކީލިއަން އެމްބާޕޭ ޖެހި ގޯލަކުންނެވެ. ސެލްޓަ އިން އެއްވަރުކުރީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ. މިއީ، އޮސްކާ މިންގޭޒާ ނެގި ހުރަހަކުން ވިލޮޓް ސްވެޑްބާގް ޖެހި ގޯލެކެވެ.

މެޗުގެ 66 ވަނަ މިނިޓްގައި ރެއާލް މޮޅުވި ގޯލު ޖެހީ ވިނީޝިއުސް ޖޫނިއާ އެވެ. މި ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ މޮޑްރިޗް އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިއީ ވަރަށް އުނދަގުލުން ހޯދުނު މޮޅެއް ކަމަށާއި އޮތް އިތުބާރަކީ މޮޑްރިޗްގެ ތަޖުރިބާގެ އެހީގައި ކޮންމެ ވެސް ފުރުސަތެއް ތަނަވަސްކޮށް ގޯލެއް ޖެހުން ކަމަށެވެ.