Advertisement

އެ ކިޔާ ބީރުބޮލު ވަޒީރަކީ ކާކު؟

18 އޮކްޓޯބަރު 2024 - 10:07 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އަކްބަރު ރަސްގެފާނާއި އެމަނިކުފާނުގެ ދަރުބާރު ތަސްވީރުވާ ކުރެހުމެއް


އެ ކިޔާ ބީރުބޮލު ވަޒީރަކީ ކާކު؟

18 އޮކްޓޯބަރު 2024 - 10:07 0

އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ވާހަކަތައް އަޑުނާހާ ދިވެއްސަކު ނޫޅޭނެ އެވެ. ރަސްގެފާނު ބައެއް ފަހަރު ކުރައްވާ ނޭއްގާނީ ކަންކަން ހަމަ މަގަށް އެޅުވުމަށް ބީރުބޮލު ވަޒީރު ހިޔާރު ކުރާ އާދަޔާ ހިލާފު ހިކުމަތްތެރި ގޮތްތަކާއި، ބީރުބޮލު ވަޒީރުގެ ބުއްދިވެރިކަމުގެ ވާހަކަތަކަކީ އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ވާހަކަތަކެކެވެ. އެހެންނަމަވެސް މި ޝަހުސިއްޔަތަށް ނިސްބަތްކޮށް ދައްކާ ވާހަކަތަކުގައި ހަގީގަތް ހިމެނޭ މިންވަރާމެދު ވިސްނާލީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ބާއޭ ހިތަށް އަރަ އެވެ.

ބީރުބޮލު ވަޒީރަކީ ކާކުތޯ މަޝްވަރާކުރާނީ އޭނާއާ ގުޅޭގޮތުން ކިޔޭ ވާހަކައެއް ހިއްސާކުރުމަށްފަހުގަ އެވެ.

މާ ދުރު ޝަހަރެއްގައި އުޅުނު އިލްމުވެރިޔަކު އަކުބަރު ރަސްގެފާނުގެ ފައިންޕުޅު ދެކިލުމަށް އެ ރަސްގެފާނުގެ ދަރުބާރަށް ހާޒިރުވެއްޖެ އެވެ. އޭނާ ދަރުބާރަށް އައި ވަގުތުން ފެށިގެން އަޑުއިވެމުން ދިޔައީ އެ ދަރުބާރުގައި އުޅޭ ބީރުބޮލު ކިޔާ މާ ބުއްދިވެރި ވަޒީރެއްގެ ވާހަކަ އެވެ. އެ ވާހަކަތައް ދައްކާ މީހުން ބީރުބޮލަށް ތައުރީފުކުރީ މި އިލްމުވެރިޔާގެ ހިތުގައި ހަސަދަވެރިކަން އުފެދޭ މިންވަރަށެވެ. އިލްމުވެރިޔާ ރަސްގެފާނަށް ދަންނަވަ އެވެ. ތިމަންގެ އިލްމުވެރިކަމާއި ހިކުމަތުގެ ކުރިމަތީގައި ހިފަހައްޓާލެވޭނޭ ފަދަ ދެވަނަ އިންސާނަކު ހުރެދާނޭކަމަކަށް ނުފެނެ އެވެ. ބީރުބޮލު އެއީ އެފަދަ ދެވަނައެއް ނެތް ބުއްދިވެރިއެއްކަމަށް މި ދަރުބާރުގައި ކިޔާތީ އަޑުއަހައިފީމެވެ. އޭނާގެ ބުއްދިވެރިކަމަށް ގޮންޖަހަމެވެ. އަދި އޭނާގެ ޝަހުސިއްޔަތު ސާބިތުކުރުމަށް އޭނާއަށް އަންގަވައި ދެއްވުންވެސް އެދެމެވެ.

އަކުބަރު ރަސްގެފާނުގެ އަމުރުފުޅަށް ބީރުބޮލުވެސް ދަރުބާރަށް ހާޒިރުވެއްޖެ އެވެ. އިލްމުވެރިޔާ ބީރުބޮލަށް ބުންޏެވެ. ބީރު ބޮލުގެ ބުއްދިވެރިކަން ސާބިތުކޮށްދޭށެވެ. އަހަރެން ތިބާއާ ކުރަންވީ ފަސޭހަ ސަތޭކަ ސުވާލުތޯ ނުވަތަ އުނދަގޫ އެއް ސުވާލުތޯ ނިންމާށެވެ. ބީރުބޮލު ބުންޏެވެ. ތިބާއީ ތިބާގެ ބަހުގައި ތެދުވެރިއެއްކަމުގެ އަހުދު ކަށަވަރު ދޭށެވެ. އިލްމުވެރިޔާ ފަސްޖެހުމެއް ނެތި މާތްﷲ ގަންދީ ހުވާކޮށް، އޭނާގެ ދުލުގެ ތެދުވެރިކަމުގެ މައްޗަށް ހުވާކޮށްފި އެވެ. ބީރުބޮލު ބުންޏެވެ. ކުރިއަށް ގެންދާށެވެ.

އިލްމުވެރިޔާ އޭނާގެ ސުވާލު ދޫކޮށްލި އެވެ. އެންމެ ފުރަތަމަ އައީ ކުކުޅުތޯ ނުވަތަ ބިސްތޯ ބީރުބޮލު ނިކަން ޖަވާބު ދީ ބަލާށެވެ. ބީރުބޮލު ޖެހިލުމެއްނެތި ބުންޏެވެ. އެންމެ ފުރަތަމަ އައީ ކުކުޅެވެ. އިލްމުވެރިޔާ ބުންޏެވެ. ތިޔަ ބުނި ބުނުން ސާބިތުވަނީ ކިހިނެއް ހެއްޔެވެ. ބީރުބޮލު ބުންޏެވެ. އިލްމުވެރިޔާ ތިޔަ ކުރެއްވީ ދެވަނަ ސުވާލެކެވެ. ތިމަން އެއްބަސްވީ އުނދަގޫ އެއް ސުވާލަށް ޖަވާބު ދިނުމަށެވެ. އެ ޖަވާބު ދީފީމެވެ. ތިބާއީ ބަހުގައި ތެދުވެރި އިންސާނެއްކަމަށް ﷲ ގަންދީ ކުޅަ ހުވާ ހަނދާންކުރާށެވެ. ބީރުބޮލު މި ހެދި ފަންޑިތައިގައި އިލްމުވެރިޔާގެ ދޫ ބަންދުވީ އެވެ. ދަރުބާރީންގެ ކުރިމަތީގައި ބީރުބޮލުގެ އަގު އުފުލިއްޖެ އެވެ.

ބީރުބޮލު ވަޒީރާ ބެހޭ ގޮތުން ހުރީ މުޅީންވެސް މި ޒާތުގެ ވާހަކަތަކެވެ. އަކުބަރު ރަސްގެފާނުގެ ކަމަކީ މުނިފޫހި ފިއްލެވުމަށްޓަކައި ބީރުބޮލު ވަޒީރުގެ ބުއްދިވެރިކަން އިމްތިހާނުކުރުމެވެ. ބީރުބޮލުގެ ވަޒީފާއަކީ އެއިން ކޮންމެ އިމްތިހާނަކުން ފާސްވެ އޭނާގެ ބުއްދިވެރިކަން ސާބިތުކޮށްދިނުމެވެ.

ބީރުބޮލުގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި މިކިޔާ ޝަހުސިއްޔަތުގެ އަސްލު ނަމަކީ މަހޭޝް ދާސް ޝްރިވާސްތަވް އެވެ. އެއީ މުގަލުންގެ 3 ވަނަ ރަސްގެފާނު، ޖަލާލުއްދީން މުހައްމަދު އަކުބަރުގެ ދަރުބާރުގެ 'ނަވްރަތުނަ' ނުވަތަ 'ނުވަ ޖަވާހިރުން' ގެ ގުރޫޕުގެ ބައިވެރިއެކެވެ.

މަހޭޝް ދާސް ޝްރިވާސްތަވް އުފަންވީ މީލާދީން 1528 ގައި އިންޑިއާގެ ހިންދޫ އާއިލާއަކަށެވެ. ހަޔާތުގެ ކުރީކޮޅު ފަގީރުކަމުގައި ދިރިއުޅުނު މަހޭޝް ދާސްއަކީ ކުޅަދާނަ ޝާއިރެކެވެ. އޭނާއާ އަކުބަރު ރަސްގެފާނާ ބައްދަލުވި ގޮތާއި ދަރުބާރީންގެ ތެރޭގައި ހިމެނިގެން ދިޔަ ގޮތުގެ ސާފު ބަޔާނެއް ލިޔެވިފައެއް ނެތެވެ. މަހޭޝް ދާސްގެ ނަން 'ބީރްބަލް' އަށް ބަދަލުވީ އަކުބަރު ރަސްގެފާނުގެ ދަރުބާރުންނެވެ. ބީރުބަލްގެ މާނައަކީ ހާޒިރު ޖަވާބަށް ކުޅަދާނަ މީހާ އެވެ.

އަކުބަރު ރަސްގެފާނަށް ލަފާ އަރުވާ 'ނުވަ ޖަވާހިރުން' ގެ ތެރޭގައި ހިމެނޭ ބީރްބަލްއަކީ ތާރީހީ ވާގިއާތަކުން ސާބިތުވާ ގޮތުގައި އެއްވެސް ގޮތަކުން ސަމާސަ ޝަހުސިއްޔަތެއް ނޫނެވެ. އެއީ ރަސްގެފާނު ވަރަށް ބޮޑަށް އިތުބާރުކުރެއްވި، އެ ރަސްގެފާނުގެ ސިފައިންގެ އިސްވެރިއެކެވެ. އަކުބަރު ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ހާކިމް މިރްޒާ ނުވަތަ އަމީރު މިރްޒާ މުހައްމަދު އިސްވެހުރެ އަފްގާނުންގެ އަމީރަށް ދިން ހަމަލާ ނާކާމިޔާބުކޮށްލެއްވުމަށް ފޮނުއްވި ލަޝްކަރުގެ ކޮމާންޑަރަކީވެސް ބީރުބަލް އެވެ. އެއީ އެއްބަފާ ކޮއްކޯފުޅާ ދެކޮޅަށް ކުރައްވާ ހަނގުރާމައަކަށްވާތީ އެ ހަނގުރާމައިގައި ސަމާސަ ޝަހުސިއްޔަތެއް ބައިވެރިއެއް ނުކުރައްވާނެ އެވެ.

އަކުބަރު ރަސްގެފާނުގެ ދަރުބާރުގެ އިސް ވަޒީރުކަމާއި، ސިފައިންގެ ކޮމާންޑަރުކަމާއި، ދީނީ ލީޑަރެއްގެ ގޮތުގައި ބީރްބަލް ތިރީސް އަހަރު ހިދުމަތް ކުރި އެވެ. ބީރުބޮލު ވަޒީރު މަރުވީ އަފުގާނުގެ ޔޫސުފްޒާއީ ގަބީލާއިން މުގަލް ވެރިކަމާ ދެކޮޅަށް ކުރި ހަނގުރާމައިގަ އެވެ. އެ ހަނގުރާމަ ވެގެން ދިޔައީ މުގަލުންނަށް ގެއްލުން ބޮޑު ހަނގުރާމައަކަށެވެ. މުގަލުންގެ ލަޝްކަރު ތައްޔާރު ނުވެ ތިއްބައި ދިން ހަމަލާގައި ބީރުބަލް ވަޒީރާއެކު އިތުރު އަށް ހާސް ސިފައިން މަރުވި އެވެ.

ބީރުބަލްއާއި އަކުބަރު ރަސްގެފާނުގެ އެކުވެރިކަމުގެ ބައެއް ވާހަކަތައް ފުރަތަމަ ލިޔުއްވީ، މުގަލް ވެރިކަމުގެ ލިޔުންތެރިއެއް އަދި ތާރީހުގެ އިލްމުވެރިއެއްކަމަށްވާ އަބްދުލްގާދިރު ބަދަޔޫނީ އެވެ. އެ ވާހަކަތަކުގައި ރަސްގެފާނާއި ބީރުބަލްއާ ދެމެދު ދެކެވޭ ބައެއް ސަމާސަ ވާހަކަތައްވެސް ހިމަނާފައި ވެއެވެ.

އަކުބަރު ރަސްގެފާނާއި ބީރުބަލް ވަޒީރުގެ ވާހަކަތަކުގައި އިބުރަތާއި، ބުއްދިވެރި ސަމާސަ ޝަހުސިއްޔަތެއް އުފަންވެގެންއައީ މާ ފަހުންނެވެ. އޭގެ ތެރެއިން ވަރަށް ގިނަ ވާހަކަތަކަކީ އެހެން ބަެއއް ހިޔާލީ ޝަހުސިއްޔަތުތަކަށް ނިސްބަތްކޮށްވެސް ދެކެވޭ ވާހަކަތަކެވެ. ފަހުން އެ ވާހަކަތައް ބޭނުންކޮށްފައި ހުރީތީ ފެންނަނީ ކުޑަކުދިންނަށް ކިޔައިދޭ ފުލޯކު ވާހަކަތަކުގެ ގޮތުގަ އެވެ.

އަކުބަރު ރަސްގެފާނާއި ބީރްބަލްގެ އެކުވެރިކަމާއި، ހިކުމަތްތެރިކަމުން ހަގީގަތުގައި ކުޅަ ކަމަކީ މުގަލުންގެ ވެރިކަން ވަރުގަދަ ކުރުމެވެ. އެތައް ސަރަހައްދެއް މުގަލުންގެ ބާރުގެ ދަށަށް ގެނައީ ބީރުބަލުގެ ކޮމާންޑަރުކަމުގެ ދަށުގައި ކުޅަ ހަނގުރާމަތަކުންނެވެ. ވަޒީރު ބީރްބަލްގެ ހަގީގީ ޝަހުސިއްޔަތަކީ އެއީ އެވެ. އެހެންނަމަވެސް އެ ޝަހުސިއްޔަތުގެ ވަރުގަދަ ކަމަށްވުރެ ބޮޑަށް ވައިގައި ހިފީ އޭނާގެ ހިކުމަތްތެރިކަމާއި ސަމާސަ މިޒާޖެވެ.