Advertisement

ނިޒާމްބެ ދެކޭގޮތުގައި ތައްޔާރީތަައް އެންމެ ރަނގަޅޭ ބުނެވެން އޮތީ ދެ ގައުމަށް

18 އޮކްޓޯބަރު 2024 - 07:16 0


ނިޒާމްބެ ދެކޭގޮތުގައި ތައްޔާރީތަައް އެންމެ ރަނގަޅޭ ބުނެވެން އޮތީ ދެ ގައުމަށް

18 އޮކްޓޯބަރު 2024 - 07:16 0

ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މިއަދު ސްރީ ލަންކާއާ ދެކޮޅަށް ނުކުންނައިރު، މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ކަމަށް ބުނެވެން އޮތީ ނޭޕާލާއި އިންޑިއާ އަށް ކަމަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ސާފްގެ އަންހެން މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ އިން މި ފަހަރުގެ މުބާރާތް ފެށި މެޗުގައި ވަނީ 5-2 އިން ވާދަވެރި ޕާކިސްތާން ބަލިކޮށްފަ އެވެ. މުބާރާތުގައި މިއަދު ކުޅޭ މެޗުތަކަށް ބަލާއިރު، ގްރޫޕް ބީގައި ރާއްޖޭން ސްރީ ލަންކާއާ ކުޅޭއިރު، އަނެއް މެޗުގައި ނޭޕާލް ކުޅޭނީ ބޫޓާންއާ އެވެ.

"ވަރަށް ހަގީގަތަށް ބުނާ ކަމަށްވަންޏާ، މި މުބާރާތުގައި ވާދަކުރާ ޓީމުތައް، އިންޑިއާ އާއި ނޭޕާލް ފިޔަވައި، ނުބުނެވޭނެ އެންމެ ރަނގަޅަށޭ ތައްޔާރުވެފައި މި ވަނީ. އެންމެ ރަނގަޅަށް އަންހެން ފުޓްބޯޅަ އަށް ފޯކަސްކޮށްގެންނޭ މި ތިބީ. މި ހުރިހާ ކަމަކަށް ބަލާއިރު އޮތް ހާލަތާއި ކަންކަން ހުރި ގޮތަށް ބަލާއިރު ވެވުނު އެންމެ ރަނގަޅަށް ތައްޔާރުވެ އަހަރުމެން މި ތިބީ،" މުބާރާތް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.

ރާއްޖޭން މުބާރާތަށް ކަނޑައަޅާފައިވާ ޓާގެޓަކީ ކޮބައިތޯ ސުވާލުކުރުމުން ނިޒާމްބެ ބުނީ އެ ކަމާ ވިސްނާނީ މެޗުން މެޗަށް ކަމަށެވެ.

"މުބާރާތް ފަށައިގެން ކުރިއަށްދާ ވަރަކަށް ޓާގެޓްތަކާ ބެހޭގޮތުން ވިސްނައިގެން ދިއުން އެންމެ ރަނގަޅުވާނީ. އަހަރެން މި ހުރީ މި ޝައުގުވެރި ޗެލެންޖް ނަގައިގެން ރަނގަޅު މަސައްކަތެއް ކުރެވޭތޯ،" މީގެ ކުރިން އެކި އުމުރުފުރާ ގައުމީ ޓީމުތަކުގައި ވެސް މަސައްކަތްކުރި ނިޒާމްބެ ބުންޏެވެ.

މި ފަހަރުގެ މުބާރާތް ހޯސްޓްކުރާ ނޭޕާލުގައި ކުޅެން ރާއްޖެ އަށް ދަތިތަކެއް ހުންނާނެތޯ އެހުމުން، ނިޒާމްބެ ބުނީ، ރާއްޖެ ޓީމުގައި ނޭޕާލުގައި ތިނެއް ނޫނީ ހަތަރު މުބާރާތް ކުޅެފައިތިބި ކުޅުންތެރިން އެބަތިބި ކަމަށެވެ.

"އެ މީހުން މި ގައުމަށް (ނޭޕާލަށް) ދެން މި ގައުމުގެ މޫސުމަށް ވެސް ހޭނިފައިވަނީ، މިހެން ބުންޏަސް ބައެއް ކަހަލަ އުނދަގޫތަކެއް ހުންނާނެ. އެކަމަކު، އެއީ މާ ބޮޑު މައްސަލަ އަކަށް ނުވާނެ،" ނިޒާމްބެ ބުންޏެވެ.

ޓީމުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި، ހައްވާ ހަނީފާ ބުނީ، އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތުގެ ސަބަބުން މުބާރާތަށް ތައްޔާރުވުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެެވެ.

ރާއްޖޭން މިއަދު ނުކުންނަން ޖެހޭ ލަންކާއާ ދެކޮޅަށް މީގެ ކުރިން ވަނީ ގިނަ ފަަހަރުތަކެއް މަތިން ކުޅެފަ އެވެ. އެ ގޮތުން، ލަންކާ އިން ވަނީ 2010 ވަނަ އަހަރު އެ ގައުމުގައި ކުޅުނު ދެ އެކުވެރިކަމުގެ މެޗުން، 2-0 އާއި 3-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.

އޭގެ ފަހުން، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ވަނީ 2-1 އިން ލަންކާ ބަލިކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި 5-2 އިން ލަންކާ ބަލިކުރި އެވެ. އަދި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ލީގު ބުރުގައި، 2-0 އިން އަދި ތިން ވަނަ ހޮވި މެޗުގައި 2-1 އިން ލަންކާގެ މައްޗަށް ރާއްޖޭން ކުރިހޯދި އެވެ. އެހެންކަމުން، ލަންކާއާ ދެކޮޅަށް އެންމެ ފަހުން، ރާއްޖޭން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވެ އެވެ.

ލަންކާ އާއި ރާއްޖޭން މިއަދު ކުޅޭ މެޗު ފަށާނީ މެންދުރު 12:45 ގަ އެވެ.