Advertisement

އެމެރިކާގެ އެމްބެސަޑަރު އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކޮށްފި

about 9 hours 0

މިއަދުގެ ބައްދަލުވުމުގެ ތެރެއިން: އެމްބެސަޑަރު ޔޮން މިއަދު ވަނީ ހާރިޖީ މިނިސްޓަރާ ވެސް ބައްދަލު ކުރައްވައިފަ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


އެމެރިކާގެ އެމްބެސަޑަރު އިސްލާމިކް މިނިސްޓަރު ޝަހީމްއާ ބައްދަލުކޮށްފި

about 9 hours 0

އެމެރިކާގެ އެމްބެސަޑަރު ހޫގޯ ޔޮން، ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ޝަހީމްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިސްލާމިކް މިނިިސްޓްރީން ބުނެފައި ވަނީ މިއަދުގެ ބައްދަލުވުމަކީ ޔޮންގެ ފަރާތުން ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއް ކަމަށެވެ. އެ ބައްދަލުވުމުގައި ދެއްކެވި ވާހަކައެއް މިނިސްޓްރީން ނުބުނެ އެވެ.

ޔޮންގެ ބައްދަލުވުމުގެ ކުރިން ޝަހީމް ވަނީ މިއަދު އިނގިރޭސި ބަހުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި ޝަހީމް ގޮވާލައްވާފައި ވަނީ ފަލަސްތީނު އަދި ލުބުނާނުގައި ހިންގާ "ހަނގުރާމަ" ހުއްޓާލުމަށެވެ.

ފަލަސްތީނުގައި ހިންގަމުންދަނީ ޖެނޮސައިޑް ނުވަތަ ނަސްލުހޭދުކުރުމެކެވެ. އެއީ ދެ ގައުމަކުން ކުރަމުން އަންނަ ހަނގުރާމައެއް ނޫނެވެ. އެ ލާއިންސާނީ އަމަލު ހިންގަމުންދަނީ އިޒްރޭލުންނެވެ. ނަމަވެސް ޝަހީމުގެ ޕޯސްޓުގައި އިޒްރޭލުގެ ނަން ވެސް ބޭނުންކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ އެމްބެސެޑަރު މިއަދު ވަނީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލްއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ވާހަކަ ދެކެވުނު ކަމަށް ހާރިޖީ އޮފީހުން ބުންޏެވެ.

އެމެރިކާއިން ދަނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ވެރިކަމުގައި އެމެރިކާގެ ސީނިއާ އޮފިޝަލުން 30 އަށް ވުރެ ގިނަ ފަހަރު މި ސަރުކާރުގެ ސީނިއާ އޮފިޝަލުންނާ ވަނީ ބައްދަލުކޮށްފަ އެވެ.

އެމެރިކާއިން ވަނީ ރާއްޖެއަށް ދޭ އެހީތައް ވެސް އިތުރުކޮށްފަ އެވެ. އެގޮތުން އަސްކަރީ މަތިންދާބޯޓަކާއި ކަނޑު ޕެޓްރޯލް ކުރާ ހަތަރު އުޅަނދު ދިނުމަށް އެމެރިކާއިން ވަނީ އެއްބަސްވެފަ އެވެ. އަދި ދެ ފަހަރެއްގެ މަތިން މަދުވެގެން 12 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމައިފަ އެވެ.