Advertisement

އިއްޔެއާއި މިއަދާއި މާދަމާ ވެސް ވިލާ ކޮލެޖު ދެމި އޮންނާނީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައި: ގާސިމް

ވިލާ ކޮލެޖާއި ވިލާ ހައިސްކޫލުގެ ބާނީ، ގާސިމް އިބްރާހިމް: އެ ކޮލެޖަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން މަތީތައުލީމު ހާސިލު ކުރަމުންދާ ޕްރައިވެޓު އިންސްޓިޓިއުޓް -- ފޮޓޯ: އަދަދު ފައިލް


އިއްޔެއާއި މިއަދާއި މާދަމާ ވެސް ވިލާ ކޮލެޖު ދެމި އޮންނާނީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައި: ގާސިމް

އިއްޔެ އާއި މިއަދު ވެސް ވިލާ ކޮލެޖު ދެމި އޮތީ ފެންވަރު ރަނގަޅު މަތީ ތަައުލީމުގެ ނަމޫނާ ފުރުސަތުތަކެއް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެމި އޮންނާނީ އެގޮތުގައި ކަމަށް އެ ކޮލެޖުގެ ބާނީ، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލާ ކޮލެޖަށް 17 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ވިލާ ކޮލެޖުން ދެމުންދާ ހިދުމަތްތައް އެގޮތުގައި ދިނުމަށް ހުރިހާ ސަރުކާރުތަކުން ދޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"އިއްޔެ އާއި މިއަދު ވެސް ވިލާ ކޮލެޖުން އަހަންމިއްޔަތުކަން ދީފައިވާނީ ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ނަމޫނާ ފުރުސަތުތައް ފޯރުކޮށްދިނުމަށެވެ. އަދި ﷲ ގެ ތަނަވަސް ތަހުމަތާއެކު މާދަމާ ވެސް ވިލާ ކޮލެޖު ދެމި އޮންނާނީ އެގޮތުގަ،" ގާސިމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ދަސްވެނިވި ދަރިވަރުންނާއި އެތަންތަނުގައި މިހާރު ވެސް ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށާއި އެ ދެ ތަނުގެ މެނޭޖުމަންޓަށް ގާސިމް ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ.

ފާއިތުވި 17 އަހަރުގެ ތެރޭގައި ދުނިޔޭގެ ނަން ހިނގާ ޔުނިވާސިޓީތަކާއި ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލު ކުރާ އެންމެ މަތީ މިންގަނޑުތަކުގެ ކޯސްތައް ވިލާ ކޮލެޖުން އެތައް ހާސް ދަރިވަރުންނެއް ކިޔަވާފައިވާކަން ގާސިމް ފާހަގަ ކުރެއްވި އެވެ.

"ނަތީޖާއެއްގެ ގޮތުން އިލްމު ފެތުރުމުގެ ތެރެއިން ދިވެހި ގައުމު ބިނާ ކުރުމާއި ގައުމުގެ މާދަމާގެ މުސްތަގުބަލު އުޖާލާ ކުރުމުގައި ވިލާ ކޮލެކާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން މިވަނީ ދިވެހި ގައުމުގެ ނިސްބަތުން ނުހަނު ފުރިހަމަ ދައުރެއް، ވޭތުވީ 17 އަހަރުގައި އަދާކޮށްދީފައިވާ ކަމީ، އަޅުގަނޑު ނުހަނު އުފާކުރާ އަދި އެހާމެ ފަހުރުވެރި ކަމާއެކު ފާހަގަކޮށްލަން ބޭނުންވާ ކަމެއް،" ގާސިމް ލިޔުއްވާފައިވެ އެވެ.

ވިލާ ގުރޫޕުގެ ޗެއާމަން، ގާސިމް އިބްރާހިމްގެ އިސްނެންގެވުމާއެކު 2007 ވަނަ އަހަރު ވުޖޫދުކުރި ވިލާ ކޮލެޖަކީ ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖެވެ.

އެންމެ ހަތަރު ކުލާސް ރޫމުގައި 54 ދަރިވަރުންނާ އެކު ފެށި ވިލާ ކޮލެޖުގެ ކުރި ފަޅައި، މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުގައި އަށް ކެމްޕަހާއި 13 ލާނިން ސެންޓަރު ހިންގަމުންނެވެ. އެ ކޮލެޖުގައި މިހާރު 150 އަށްވުރެ ގިނަ ޕްރޮގުރާމުތަކުގައި 3500 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދެ އެވެ.

އޭގެ އިތުރުން ވިލާ ކޮލެޖުން މިހާރު ދަނީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކާ ގުޅިގެން ރާއްޖޭގައި ކޯސްތައް ހިންގަމުންނެވެ.

އެގޮތުން ވިލާ ކޮލެޖުގެ ޕާޓުނަރުންގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުގެ އިތުރުން ޓޭލާސް ޔުނިވާސިޓީ ފަދަ ބޮޑެތި ޔުނިވާސިޓީތައް ފާހަގަކޮށްލެވެ އެވެ.