Advertisement

ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން ޕްލޮޓް ކަނޑައަޅަން އަލުން ގުރުއަތަކަށް

ހައުސިން މިނިސްޓަރު، އަލީ ހައިދަރު: އޭނާ ވިދާޅުވީ ގުރުއަތަކަށް ދާނީ ހޯދަންޖެހޭ ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށެވެ.


ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވުމުން ޕްލޮޓް ކަނޑައަޅަން އަލުން ގުރުއަތަކަށް

ބިންވެރިޔާ ސްކީމުގެ ދަށުން އާބާދު ކުރަން ނިންމި ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު އެ ތަންތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓުތައް އަލުން ކަނޑައެޅުމަށް ގުރުއަތަކަށް ދާން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ގިރާވަރުފަޅާއި ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ގެޒެޓު ކުރީ އިއްޔެ އެވެ. އެ ޕްލޭންތަކުގައި ވަނީ ކުރިން، މިދިޔަ ސަރުކާރުން ފާސްކުރި ލޭންޑް ޔޫސް ޕްލޭން އާ ހިލާފަށް ކުޅިވަރު ކުޅެން ހާއްސަ ސަރަހައްދުތަކާއި މުނިސިޕަލް ހިދުމަތްތައް ދޭ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތަކަށް އިތުރު ބިންތައް ކަނޑައަޅައިފަ އެެވެ.

އިއްޔެ ގެޒެޓު ކުރި ގިރާވަރާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން


މި ބަދަލުތަކާއެކު، ކުރިން ގޯތި ދީފައި ހުރި ސަރަހައްދުތަކަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އެހެންކަމުން ގޯތި ލިބުނު މީހުންނަށް ކުރިން ދީފައި ހުރި ޕްލޮޓު ނަންބަރުތައް ބަދަލުވާއިރު، އެކަން ކުރަން އެންމެ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލު ކުރެވެނީ ގުރުއަތަކަށް ގޮސްގެން ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ.

"ގުރުއަތުލައިގެން އެންމެ އިންސާފުވެރިގޮތެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ، ޕްލޮޓު ނަންބަރު ޖަހާފައި ގުރުއަތަކަށް ދާނީ،" ހައިދަރު ވިދާޅުވި އެވެ.

ގުރުއަތަކަށް ދިޔަ ނަމަވެސް، ގުރުއަތު ނަގާނީ ގުޅީފަޅުން ލިބުނު މީހުންނާއި ގިރާވަރުން ލިބުނު މީހުންގެ މެދުގައި ވަކިން ކަމަށް ބެލެވެ އެވެ. ސަބަބަކީ އެއްވެސް މީހަކަށް ގޯތި ލިބިފައިވާ ތަން ބަދަލު ނުކުރާނެ ކަމަށް މިނިސްޓަރު، ހައިދަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވިދާޅުވެފައި ވުމެވެ.

ގޯތި ލިބުނު މީހުންނަށް ދޫކޮށްފައި ހުރި އެގްރީމެންޓުތަކުގައި ކޯޑިނޭޓްސް ޖަހާފައި ހުރުމުން އަލުން ގުރުއަތަކަށް ދިޔުމުގެ ކުރިން އެކަމުގައި ހޯދަންޖެހޭ ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ތިކަމާ ބެހޭގޮތުން އަޅުގަނޑުމެން ގާނޫނީ ލަފާ ހޯދައިގެން ކުރިއަށް ގެންދާނީ އިނގޭތޯ؟" ހައިދަރު ވިދާޅުވި އެވެ.

ނަމަވެސް އަދި ގުރުއަތަކަށް ދާނެ "ވަކި ދުވަހެއް ދަންނަވާކަށް ނޭނގެ" ކަމަށް ހައިދަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭންގެ ބަދަލުގައި އާ ޕްލޭންތަކެއް ހަދަން މި ސަރުކާރުން ނިންމީ ކުރިން އެކަން ކޮށްފައި ހުރީ ރަނގަޅު ޕްލޭނެއް ނެތި ކަމަށް ބުނެ އެވެ.

ލޭންޑް ޔޫސް ޕްލޭންތަކަށް ގެނައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެންނަނީ ކުރީ ސަރުކާރުން ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އުޅުނު ސަރަހައްދަށް ގެނެސްފައި އޮތް ބަދަލެވެ.

ކުރީގެ ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.