Advertisement

ޑަބްލިއުޑީސީ މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ލާމަރުކަޒީ ކޮމިޓީއަށް ފިނޭންސް މިނިސްޓްރީ ހާޒިރު ކުރަނީ

ލާމަރުކަޒީ ކޮމިޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ޑަބްލިއުޑީސީ މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ލާމަރުކަޒީ ކޮމިޓީއަށް ފިނޭންސް މިނިސްޓްރީ ހާޒިރު ކުރަން ނިންމުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޑަބްލިއުޑީސީ މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ލާމަރުކަޒީ ކޮމިޓީއަށް ފިނޭންސް މިނިސްޓްރީ ހާޒިރު ކުރަނީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ދިމާވަމުން އަންނަ ދަތިތަކާ ގުޅިގެން މަޝްވަރާ ކުރަން ލޯގަލް ގަވަމަންޓް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި ފިނޭންސް މިނިސްޓްރީ މަޖިލީހަށް ހާޒިރު ކުރަން ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޑަބްލިއުޑީސީ މެންބަރުންގެ ހުރި ކަންބޮޑުވުންތައް ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅީ ސިޓީއެއް މެދުވެރިކޮށް ލޯގަލް ގަވަމަންޓް މިނިސްޓްރީންނެވެ. އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ޑަބްލިއުޑީސީގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަވުމާއި، ރޯދަ އެލަވަންސް ނުލިބުމާއި ޗުއްޓީތައް ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން އެހެނިހެން ބައެއް މައްސަލަތަކެވެ.

ކޮމިޓީ މެންބަރުންގެ މެދުގައި މައްސަލައާ ގުޅޭ ގޮތުން މަޝްރަވާ ކުރެއްވުމަށްފަހު، ފިނޭންސް އަދި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިތުރުން އެލްޖީއޭ ހާޒިރު ކުރުމަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާނެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.

މެންބަރު ސައުދާ ވިދާޅުވީ މިނިސްޓްރީން ހުށަހެޅި ސިޓީގައި ވަނީ ކޮންމެ ރަށަކަށް ދިޔަ ނަމަވެސް އެ ރަށްރަށުގައި ތިބި ޑަބްލިއުޑީސީ މެންބަރުންގެ ފަރާތުން އަޑުއިވޭ ކަންބޮޑުވުންތަކުގެ ހުލާސާއެއް ކަމަށެވެ.

"މީގައި މިއޮތީ އެބޭފުޅުންނަށް ލިބެންޖެހޭ އަހަރީ ޗުއްޓީއެއް ނުވަތަ ވިހެއުމުގެ ޗުއްޓީއެއް ވެސް ނުލިބޭ ވާހަކަ. މިއީ ކޮންސާނިން އިޝޫސް. ރޯދަ މަހުގެ އިނާޔަތަކީ ކޮންމެ މަސައްކަތް ކުރާ ކޮންމެ މީހަކަށް ލިބޭ އެއްޗެއް. ކީއްވެހޭ ލިބެންޖެހޭ އެއްޗެއް ނުލިބިގެން މިއުޅެނީ،" ސައުދާ ވިދާޅުވި އެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ވަނީ ކޮމިޓީގައި ޑަބްލިއުޑީސީއަކީ މިހާރު އޮންނަން ޖެހޭ ތަނެއްތޯ މީހުން ސުވާލު ކުރަމުންދާ ކަމަށާއި އެ މެންބަރުންނަށް ބޮޑު ހޭދައެއް ކުރާއިރު ރަނގަޅު ނަތީޖާއެއް ނުނިކުންނަކަން ފާހަގަކޮށްފަ އެވެ.

ނަމަވެސް ރަނގަޅަށް މަސައްކަތް ކުރާ މެންބަރުންނަށް ރަނގަޅު އުޖޫރައެއް ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް އަދި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ އިތުރުން އެލްޖީއޭ ހާޒިރު ކުރަން ފާސްވީ ޖުމްލަ 11 މެންބަރުން ތިބި އެ ކޮމިޓީގައި މުގައްރިރާ އެކު ހާޒިރުވެ ތިބި ނުވަ މެންބަރުންގެ އިއްތިފާގުން ފާކޮށްގެންނެވެ.