Advertisement

މި ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ނަގައިފި: މެންބަރު ޣަފޫރު

އެމްއެމްއޭގެ އިމާރާތް: ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް ޓެކްސް ބޮޑު ކުރުމަކީ މައްސަލައެއް ކަމަށް -- ފޮޓޯ: ރައްޔިތުންގ މަޖިލިސް


މި ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ނަގައިފި: މެންބަރު ޣަފޫރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ނުވަނީސް ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވި، ޓެކްސް ބޮޑު ކުރުމަށް އޭނާ އެއްވެސް ވަރަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެކަމަށް ތާއީދު ނުކުރަނީ، ދައުލަތުގެ ހަރަދުތައް ކުޑަނުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދު ކުޑަނުކޮށް، ޓެކްސް، ނަން ކިޔާ ލިބެން ހުރި ހުރިހާ ދިމާލަކުން ބޮޑުކުރަމުންދިޔަ ނަމަވެސް މީގެ ނަފާއެއް ނުނިކުންނާނެ،" ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ލޯނު ނަގައި، ގައުމު ދަރުވާލި ކަމަށް ތުހުމަތު ކުރާއިރު، މި ސަރުކާރަށް އަހަރެއް ނުފުރެނީސް އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގައިފި ކަމަށެވެ. ލޯނު ނެގޭނެ ހުރިހާ ދިމާލަކުން ލޯނު ނަގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއް އަހަރު ތެރޭގައި މިއަށް ވުރެ ގިނަ ލޯނު ނެގި ސަރުކާރަށް ނާދޭ އިއްޒަތްތެރި ރައީސް. ވޯކް ޕްރޮގްރާމަށް 400 މިލިއަން. އަދި އޭގެ އިތުރަށް ފައިސާ ބަދަލު ކުރުމުގެ ޕްރޮގްރާމަށް އިތުރު 200 މިލިއަން. ތިލަފުށީގައި ރިވެޓްމަންޓް ޖެހުމާ ކަންކަން ކުރުމަށް އަނެއްކާ ވެސް އިތުރު 200 މިލިއަން ރުފިޔާ. ކުވެއިތު ފަންޑުން ހޮސްޕިޓަލް އަޅަންށޭ ކިޔާފައި އަނެއްކާ 100 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ. "އޭގެ އިތުރަށް ބޭންކް އޮފް ސިލޯނުން އެމްއޭސީއެލްއަށް ވެސް އަނެއްކާ އެ ހުރީ ލާރި ނަގާފައި. ނުވިތާކަށް ނުވަ ބިލިއަން ރުފިޔާގެ ޓީ-ބިލް އެބަ އޮތް ވިއްކާފައި. އެއް ބިލިއަން ޑޮލަރަށްވުރެ ދައުލަތުން ނަގާފައި އޮތް ދަރަނި ބޮޑު. މި ސަރުކާރަށް އެއް އަހަރު ވާއިރު އެއް ބިލިއަން ޑޮލަރުގެ ދަރަނި ނަގައިފި މިހާރު."

އެ ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މަޖާޒީ ގޮތުން ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާ މަޝްވަރާނުކޮށް އެ ބިލު ހުށަހެޅުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އެ ބިލަށް ވާހަކަ ދެއްކެވި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު މުމްތަޒިމް އިބްރާހިމް އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ އިސްލާހުތަކަށް ތާއީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެ މެންބަރުން ވިދާޅުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން ދިވެހި ރައްޔިތުންނަށް އެއިން އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑު ކުރުމުން، ދައުލަތުގެ އާމްދަނީ އިތުރުވެ، ލޯނު ނުނަގައި، ގައުމު ހިންގޭނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

"މިއީ މިވަގުތަށް ވަރަށް މުހިންމު ބިލެއް. ހާއްސަކޮށް އަޅުގަނޑުމެންގެ އިގްތިސާދު މިވަގުތު އޮތް ގޮތުން، ދިވެހިންގެ ޖީބަށް ބުރަ ނުވާނެ ގޮތަކަށް އާންމު ރައްޔިތު މީހާއަށް އުނދަގޫނުވާނެ ގޮތަކަށް އާމްދަނީ އިތުރުވާނެތީ، މި ބިލު އަޅުގަނޑުމެންނަށް މުހިންމުވަނީ،" ސައުދުﷲ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އެ ބިލުގައި ކަނޑައަޅާފައި ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ. އަދި ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް އިތުރު ކުރަން ވެސް އެ ބިލުގައި ހުށަހަޅާފައިވެ އެވެ.