Advertisement

އިންގްލެންޑްގެ ކޯޗުކަން ޓުޗެލް އަށް ދޭން ނިންމައިފި

16 އޮކްޓޯބަރު 2024 - 08:29 0


އިންގްލެންޑްގެ ކޯޗުކަން ޓުޗެލް އަށް ދޭން ނިންމައިފި

16 އޮކްޓޯބަރު 2024 - 08:29 0

ލަންޑަން (އޮކްޓޫބަރު 16) - އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ތޯމަސް ޓުޗެލް ހަމަޖައްސަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޓުޗެލް، 51، އާ އެކު، އިނގިރޭސި އެފްއޭ އިން ބޭއްވި މަޝްވަރާތައް ކާމިޔާބުވެ، ދެ ފަރާތުން މިހާރު ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. އަދި އިނގިރޭސި އެފްއޭ އިން ވަނީ ޓުޗެލް އެދުނު ގޮތަށް ބައެއް ކަންކަން އެއްބަސްވުމުގައި ވެސް ހިމަނަން ނިންމައިފަ އެވެ.

ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޓުޗެލް ބޭނުންވަނީ، 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކޮންޓްރެކްޓެއް ލިބޭ ގޮތަށް އެ ޓީމާ ހަވާލުވުމެވެ.

އިންގްލެންޑުން، ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން ޓުޗެލް އެ ޓީމުގެ ކޯޗަކަށް ގެންގޮސްފިނަމަ އޭނާ ވެގެންދާނީ އެ ޓީމާ ހަވާލުވާ ބިދޭސީ ތިން ވަނަ ކޯޗަށެވެ. އިންގްލެންޑަށް އިރުޝާދުދިން ބިދޭސީ ދެ ކޯޗުންނަކީ، ދާދި ފަހުން މަރުވި، ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން އާއި އިޓަލީގެ ތަޖުރިބާކާރު ކޯޗު، ފަބިއޯ ކަޕެއްލޯ އެވެ.

ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމުން، އިންގްލެންޑްގެ ކޯޗުކަމުގައި ހުރި ގަރެތު ސައުތުގޭޓް ވަނީ މަގާމުން އިސްތިއުފާދީފި އެވެ. މި އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ސައުތުގޭޓް މަގާމުން އަމިއްލަ އަށް ދުރުވުމުން، ދެން އިންގްލެންޑުން ވަގުތީ ގޮތުން، ޓީމު ހަވާލުކުރީ ޒުވާން ޓީމުގެ ކޯޗަކަށް ހުރި ލީ ކާސްލީ އެވެ. ކާސްލީ ވަނީ އިންގްލެންޑާ ހަވާލުވާން ޖެހޭނީ ތަށި ހޯދާފައި، ފެންވަރު ސާބިތުކޮށްދީފައިވާ، ދުނިޔޭގެ ފެންވަރު ކޯޗެއް ކަމަށް ބުނެފަ އެވެ.

އިންގްލެންޑުގެ ކޯޗުކަން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވެސް އޮފާކުރި އެވެ. އެކަމަކު، އޭނާ އެ ހުށަހެޅުމަށް ފުރަގަސްދޭން ނިންމީ، އަދި ގައުމީ ޓީމަކާ ހަވާލުވާން ޖެހޭ ވަގުތު ނާންނަ ކަމަށް ބުނެ އެވެ.