Advertisement

ހީނާ ހެއްދެވީ ބުހުތާނު ދޮގެއް، ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކަށް 2،500 މުވައްޒަފުން ވީ އިތުރު!

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު --- ފޮޓޯ: ރައީސް އޮފީސް


ހީނާ ހެއްދެވީ ބުހުތާނު ދޮގެއް، ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކަށް 2،500 މުވައްޒަފުން ވީ އިތުރު!

މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ވާހަކައަކީ ބުހުތާނު ދޮގެއްކަން ހާމަވެއްޖެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން ނެގިކަން ކަށަވަރުކޮށް ގެނެސްދިން ހަބަރަކީ ދޮގެއް ކަމަށް ވިދާޅުވެ، އެކްސްގައި ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ "...2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ،" ކަމަށެވެ.

ނަމަވެސް ޕީސީބީން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ އަދަދުތަކާއި ހީނާގެ ހިސާބު ދިމައެއް ނުވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރު (އޮކްޓޫބަރު-ޑިސެމްބަރު) ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ޖުމްލަ އަދަދު ހުރީ 30،739 އެވެ. އަދި، މި އަހަރު ފުރަތަމަ ކުއާޓަރު (ޖެނުއަރީ-މާޗު) ނިމުނުއިރު ސަރުކާރުން ކުންފުނިތަކުގައި 33،284 މުވައްޒަފުން ތިބިކަމަށްވެސް އެ ރިޕޯޓުން ދައްކަ އެވެ. އެއީ 2،545 މުވައްޒަފުންގެ އިތުރުވުމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނަގާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާ ގާތްކުރާނެ ކަމަށާއި އަދި މި ވެރިކަމުގައި ކުންފުނިތަކުން 5,000 ވަޒީފާ ދީފައިވާ ކަމަށް، އިތުބާރު ކުރެވޭ މަސްދަރަކުން އަދަދު ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ޕީއެންސީން ކުރިމަތިލި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެވްރެޖުކޮށް 40 ވަޒީފާ ދީފައިވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. މެންބަރުން އެދިވަޑައިގަންނަވާ މީހުންނަށް ގިނައިން ވަޒީފާ ދީފައި ވަނީ ކުންފުނިތަކުންނެވެ.

ސިޔާސީ މުވައްޒަފުން ގިނަވެ، އަދި ސަރުކާރުގެ ހަރަދު މެނޭޖު ނުކުރެވުމުގެ ސަބަބުން ސިޔާސީ 228 މުވައްޒަފުން ވަކި ކުރަން ރައީސް މިއަދު ވަނީ ނިންމަވައިފަ އެވެ.

"ހިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަގީގަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން" ކަމަށް ހީނާގެ ވިދާޅުވިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ނަމަވެސް މިހާތަނަށް ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދެއް، ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.