Advertisement

ޖަލު އޮފިސަރުން ބަންދުން ދޫކޮށްލުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް

about 22 hours 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މިއަދުގެ އަޑުއެހުމުގައި---ފޮޓޯ: ސްނެޕްޝޮޓް


ޖަލު އޮފިސަރުން ބަންދުން ދޫކޮށްލުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް

about 22 hours 0

މާފުށި ޖަލުގައި ތިބި ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުން ދިޔަ ކަމުގެ ތުހުމަތުގައި އޮގަސްޓު 23، ގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން ބަންދުން ދޫކޮށްލުމަށް ދައުލަތުގެ އިއުތިރާޒެއް ނެތް ކަމަށް ބުނެފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާހު އަބްދުއްރަހީމް އާއި ކ. މާފުށި، ބީޗްހައުސް، އަލީ ހިޝާމް އާއި ހދ. ނޭކުރެންދޫ، ތަރާނާގެ، އަލީ ނާޒިމް އާއި ގއ. ވިލިނގިލި، ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲގެ އިތުރުން ނ. ލަންދޫ، ކާމިނީގެ، އަލީ އަސްފާގު އެވެ. އެއީ ކަރެކްޝަންސްގެ އޮފިސަރުންނެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ޖިނާހު އަބްދުއްރަހީމް އާއި އަލީ ހިޝާމް އާއި އަލީ ނާޒިމްގެ އިތުރުން އަލީ އަސްފާގު އެވެ.

އެމީހުންގެ ބަންދު މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ދިފާއީ ވަކީލު ޝަޒީމް ވަހީދު ވިދާޅުވީ މި މައްސަލައިގައި އިތުރަށް ހައްޔަރުކުރި ޒަޔާން ބަންދުކުރި ކުރުން އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އޭނާ މިނިވަން ވެފައިވާ ކަމަށެވެ.

އެ މައްސަލައިގައި މިހާރު ބަންދުކޮށްފައިވާ މީހުން ހައްޔަރުކޮށް މާފުށީ ކޯޓަށް ހާޒިރުނުކޮށް ކްރިމިނަލް ކޯޓަށް ސީދާ ގެނައިކަން އެނގެން އެބައޮތް ކަމަށާއި، އެއީ ޒަޔާން ވެސް މިނިވަންވުމަށް މެދުވެރި ސަބަބުކަން ޝަޒީމް ފާހަގަކުރި އެވެ. ޝަޒީމް އެދުނު ގޮތަކީ ޝަރީއަތް ނިމެންދެން އޭނާގެ މުވައްކިލުން ބަންދުން ދޫކޮށްލުމެވެ.

ދައުލަތުން އެ މައްސަލައިގައި ވެސް އެދުނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އޮތްއޮތުން ބަދަލުކޮށް އެ މީހުން ދޫކޮށްލުމަށެވެ. އަދި އެގޮތަށް މި މީހުން ދޫކޮށްލާއިރު ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލުމަށާއި މި ހަތަރު މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ވެސް ދައުލަތުން އެދުނެވެ.

ދައުލަތުން އެދުނީ ޝަރުތުތައް ކުރާއިރު އެ މީހުން ޝަރީއަތަށް ހާޒިރުވާނެ ކަން ޔަގީންކުުރުމަށާއި ޝަރީއަތަށް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރުމަށް ޝަރުތުކޮށްފައި ދޫކޮށްލުމަށެވެ. ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނީ ރާއްޖެ ދޫކޮށް ފިލައި ގޮސްދާނެކަމުގެ ބިރު އޮތުމުންނެވެ.

ޝަރީއަތަށް އެ މައްސަލަ ހުށައެޅި އިރު ދައުލަތުން މި މީހުން ބަންދުކުރުމަށް އެދުނު ސަބަބުތަކުގެ ތެރޭގައި މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި މި މީހުންްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ބައި އޮންނާނެ ކަމަށް ޝަރީއަތުން ނިންމި އެވެ. އަދި މިގޮތަށް ނިންމެވުމުގެ ކުރިން ވެސް އަޑުއެހުމެއް ބާއްވަން ޖެހިއްޖެ ކަމުގައި ވަނީ ނަމަ ބާއްވާނެ ކަމަށްވެސް ޝަރީއަތުން ނިންމި އެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު އެވެ.