about 6 hours 0
about 6 hours 0
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވީތީވެ، ގާނޫނީ ގޮތުން ލިބިދޭ ބާރު އިއްޔެ ޕީއެންސީގެ މެންބަރުން އަމިއްލަ އަށް ކަފުން ކުރި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ގާނޫނުއަސާސީ އަށް އިއްޔެ ގެނައި ބަދަލާއެކު، ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިގެން ދާނެ އެވެ.
ސަރުކާރުން ހުށަހަޅައިގެން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، މެންބަރުން ވަކިކުރެވޭނެ ގޮތް ލިޔުނެވެ. އެ ބަދަލުގައި އޮތީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.
މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށް ހުށަހެޅި އިސްލާހަށް ޕީއެންސީގެ މެންބަރުން ވޯޓު ނުދިނުމުން ފާހެއް ނުވި އެވެ.
މި ބަދަލާއެކު، މަޖިލީހުގެ މެންބަރެއް އަމަލު ކުރި ގޮތަކާއި ނުކޮށް ދޫކޮށްލި ކަމަކާމެދު މައްސަލަ ހުށަހަޅައި، ސިޔާސީ ޕާޓީގެ ވެރިންނަށް ފެނިއްޖެ ހާލަތެއްގައި، އެ މެންބަރަކު ޕާޓީން ވަކިކޮށް، މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލުވާލެވިދާނެ އެވެ.
މިއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބައެއް ގާނޫނި ވަކީލުން ގަބޫލު ކުރައްވަ އެވެ.
ގާނޫނު އަސާސީގައި ރައީސުލްޖުމްހުރިއްޔާއަށް 115 ވަނަ މާއްދާއިން ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކޮށް، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމުގެ ބާރު ވެސް ދިނެވެ.
ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ ހ. އަދި ށ. އަށް ގެނައި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ. ކުރިން އޮންނަނީ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދުމަށެވެ.
ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު ބަދަލާއެކު، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާ މިހާރު ލިޔެފައި އޮތް ގޮތުން ރައްޔިތުންގެ އާންމު ވޯޓަކަށް ދާންޖެހޭނީ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ މާއްދާތަކާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާން ކުރާ މާއްދާ އާއި ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ މާއްދާ ބަދަލު ކުރާ ނަމަ އެކަންޏެވެ. އެ މާއްދާ ބަދަލުކުރެވޭނީ ވެސް ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.
މި ބަދަލުތައް ގެނައުމަށް ވޯޓު ދެއްވީ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުންނެވެ. ގާނޫނުއަސާސީ އަށް މި ބަދަލުތައް ގެނައުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރެކެވެ.
މި ބަދަލުތައް ގެނައުމަށް ޕީއެންސީގެ ބައެއް މެންބަރުން ވެސް ބޭނުން ނުވި ނަމަވެސް، ރައީސް މުއިއްޒު ވޯޓު ދެއްވަން ބާރު އެޅުއްވުމާއެކު އެ ޕާޓީގެ ހުރިހާ މެންބަރުން ވޯޓު ދެއްވި އެވެ. އަދި ކުރިން ބިލް ފާސްކުރަން ފާޅުގައި ދެކޮޅު ހެއްދެވި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ބިލް ފާސްކުރަން ވޯޓު ދެއްވި އެވެ.
ގާނޫނުއަސާސީ އަށް ބަދަލު ގެނައީ އެ ބަދަލުތަކާމެދު ގިނަ ބައެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
Comment