Advertisement

ޔުއެފާ ނޭޝަންސް ލީގު: އިޓަލީ އާއި ފްރާންސަށް މޮޅެއް، ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

15 އޮކްޓޯބަރު 2024 - 08:39 0


ޔުއެފާ ނޭޝަންސް ލީގު: އިޓަލީ އާއި ފްރާންސަށް މޮޅެއް، ޖަރުމަނުން ނެދަލެންޑްސް ބަލިކޮށްފި

15 އޮކްޓޯބަރު 2024 - 08:39 0

ޕެރިސް (އޮކްޓޫބަރު 15) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިޓަލީ އާއި ފްރާންސް މޮޅުވިއިރު، ޖަރުމަނުން ނެދަލެންޑްސްގެ މައްޗަށް ކުރިހޯދައިފި އެވެ.

ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ، ބެލްޖިއަމް ދަނޑުގައި ފްރާންސް 2-1 އިން މޮޅުވިއިރު، އިޒްރޭލް އަތުން އިޓަލީ ވަނީ 4-1 އިން މޮޅުވެފަ އެވެ. ލީގު އޭގެ ގްރޫޕް ތިނެއްގައި، ޖަރުމަނުން 1-0 އިން ނެދަލެންޑްސް ބަލިކުރިއިރު، މި ގްރޫޕްގައި ހަންގޭރީން ވަނީ ޑޮމިނިކް ސޮބޯސްލާއިގެ ދެ ގޯލުން 2-0 އިން ބޮސްނިއާ ބަލިކޮށްފަ އެވެ.

ޖަރުމަނުން ނެދަލެންޑްސް ބަލިކުރި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ޖޭމީ ލެވަލިން އެވެ، މި މެޗުގައި ނެދަލެންޑްސް އިން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން، ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އާއި ޒަވީ ސިމޯންސް ޖެހި ބޯޅަތައް އަމާޒުވީ ހުރަސްދަނޑިއަށެވެ. ސަސްޕެންޝަނުގެ ސަަބަބުން، ނެދަލެންޑްސްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް މި މެޗުގައި ނުކުޅެ އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ޖަރުމަނު އޮތީ، ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނެދަލެންޑްސް އާއި ތިން ވަނައިގައި އޮތް ހަންގޭރީ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ބޮސްނިއާގެ އޮތީ އެންމެެ ޕޮއިންޓެކެވެ.

ޕެނަލްޓީ އަކުން ރަންޑަލް ކޯލޯ މުއާނީ ފްރާންސަށް ލީޑުނަގައިދީފައިވަނިކޮށް، ލޮއިސް އޮޕެންޑާ ވަނީ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ބެލްޖިއަމަށް އެއްވަރުކޮށްދީފަ އެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ފަހުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ ރަނގަޅު ގޯލެއް ކަމަށެެވެ.

މުއާނީ ވަނީ ދެ ވަނަ ހާފުގައި ލަނޑެއް ކާމިޔާބުކޮށް ފްރާންސް މޮޅުކޮށްދީފަ އެވެ. މެޗުގެ ފަހު ކޮޅުގައި ފްރާންސް އިން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 76 ވަނަ މިނިޓްގައި ފްރާންސްގެ ކެޕްޓަން، އައުރެލިއަން ޗުއަމެނީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި އިޒްރޭލް ކޮޅަށް އިޓަލީގެ ލަނޑުތައް ޖެހީ، ޖިއޮވާނީ ޑި ލޮރެންޒޯ ދެ ގޯލާއި މަޓެއޯ ރެޓެގީ އަދި ޑަވިޑޭ ފްރަޓޭސީ އެވެ. އިޒްރޭލްގެ ގޯލު ޖެހީ، އަބޫ ފާނީ އެވެ.

މި ގްރޫޕްގެ އެއް ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު އިޓަލީ އޮތްއިރު، ދެ ވަަނައިގައި އޮތް ފްރާންސްގެ ނުވަ ޕޮއިންޓް އެބައޮތެވެ. ތިން ވަނައިގައި އޮތް ބެލްޖިއަމަށް ލިބިފައިވަނީ، ހަަތަރު ޕޮއިންޓެވެ. ފުލުގައި އޮތް އިޒްރޭލަށް އެންމެ ޕޮއިންޓެއް ވެސް ނުލިބެ އެވެ.