Advertisement

ގާޑިއޯލާ އަށް އިންގްލެންޑްގެ ކޯޗުކަން އޮފާކޮށްފި

15 އޮކްޓޯބަރު 2024 - 08:17 0


ގާޑިއޯލާ އަށް އިންގްލެންޑްގެ ކޯޗުކަން އޮފާކޮށްފި

15 އޮކްޓޯބަރު 2024 - 08:17 0

ލަންޑަން (އޮކްޓޫބަރު 15) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އިންގްލެންޑް ޓީމުގެ ކޯޗުކަން އޮފާކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގާޑިއޯލާ، 53، ސިޓީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެެވެ. އޭނާ ވަނީ މިއީ ސިޓީގައި އޭނާގެ ފަހު އަހަރު ކަމަށް މީގެ ކުރިން ބުނެފަ އެވެ. އެކަމަކު، އެންމެ ފަހުން މީޑިއާ އިން ކުރި ސުވާލެއްގެ ޖަވާބުގައި ބުނެފައިވަނީ، ސިޓީ ދޫކޮށްލަން އަދި ނިންމާފައިނުވާ ކަމަށެވެ.

ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމުން، އިންގްލެންޑްގެ ކޯޗުކަމުގައި ހުރި ގަރެތު ސައުތުގޭޓް ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. މި އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ސައުތުގޭޓް މަގާމުން އަމިއްލަ އަށް ދުރުވުމުން، ދެން އިންގްލެންޑުން ވަގުތީ ގޮތުން، ޓީމު ހަވާލުކުރީ ޒުވާން ޓީމުގެ ކޯޗަކަށް ހުރި ލީ ކާސްލީ އެވެ.

ކާސްލީ ވަނީ އިންގްލެންޑާ ހަވާލުވާން ޖެހޭނީ "ދުނިޔޭގެ ފެންވަރުގެ ކޯޗެއް" ކަމަށާއި ގިނަ ތަށިތަކެއް ހޯދާފައިވާ ކާމިޔާބު ހޯދަން ދަންނަ ކޯޗެއް ކަމަށް ބުނެފަ އެވެ.

އިނގިރޭސި އެފްއޭ އިން އަންނަނީ ތޯމަސް ޓުޗެލްއާ ވެސް އެ ޓީމުގެ ކޯޗުކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އަދި ގާޑިއޯލާ އަކީ އިނގިރޭސި އެފްއޭ އިން އަބަދުވެސް ޝައުގުވެރިކަން ހުންނަ ކޯޗަކަށް ވާތީ އޭނާ އަށް ވެސް އިންގްލެންޑްގެ ކޯޗުގެ މަގާމު ވަނީ އޮފާކޮށްފަ އެވެ.

ބާސެލޯނާ އާއި ބަޔާނަށް ކޯޗުކޮށްދިނުމަށް ފަހު، 2016 ވަަނަ އަހަރު ސިޓީއާ ހަވާލުވި ގާޑިއޯލާ ވަނީ އެ ޓީމަށް ކްލަބް ލެވަލްގައި ހޯދޭނެ ހުރިހާ ކާމިޔާބެއް ކަހަލަ ގޮތަކަށް ހާސިލްކޮށްދީފަ އެވެ. ގާޑިއޯލާ، މީގެ ކުރިން ވަނީ ގައުމީ ޓީމަކަށް ކޯޗުކޮށްދޭން ޝައުގުވެރިވާ ކަމަށް ވެސް ބުނެފަ އެވެ.

ސިޓީން ވަނީ، އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރަކަށް، ހޫގޯ ވިއާނާ ހަމަޖައްސަން ނިންމައިފަ އެވެ. މިއީ ގާޑިއޯލާގެ މުސްތަގުބަލަށް އަސަރުކުރާނެ ނިންމުމެއް ގޮތުގައި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ، ސިޓީގެ ސްޕޯޓިން ޑިރެކްޓަރު، ޓިކްސްކީ ބަރަގެސްޓެއިން މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާއިރު، އޭނާ އަކީ ގާޑިއޯލާއާ ގާތްގުޅުމެއް އޮންނަ ފަރާތެކެވެ. އަދި ސިޓީން ވިއާނާ ގެންނަނީ އޭނާ މި ވަގުތު ހުރި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް ހޯދަން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.