about 12 hours 0
about 12 hours 0
ލަންޑަން (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ ދަށް ހާލަތު އިތުރަށް ގޯސްވިއިރު، ކްރިސްޓަލް ޕެލަސް ދަނޑުގައި އާސެނަލުން 5-1 އިން މުހިންމު މޮޅެއް ހޯދައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ދެ ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓާ އެކު އެވެ. އާސެނަލުން 17 މެޗު ކުޅުނުއިރު، އެ ޓީމަށް ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.
ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ ވަނަ މެޗުން ބަލިވި، ސިޓީ މި ވަގުތު ލީގުގައި އޮތީ 17 މެޗުން 27 ޕޮއިންޓާ އެކު، ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 17 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ. ބްރެންޓްފޯޑް ދަނޑުގައި 2-0 އިން މޮޅުވި، ނޮޓިންހަމް ފޮރެސްޓު ހަތަރެއްގައި އޮތީ 17 މެޗުން 31 ޕޮއިންޓާ އެކު އެވެ.
އެސްޓަން ވިލާ އިން ޖޯން ޑުރާންގެ ގޯލުން ލީޑުނެގި މި މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މޯގަން ރޮޖާސް އެވެ. ސިޓީން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ކާމިޔާބުކުރީ ފިލް ފޯޑެން އެވެ. އެކަމަކު، އޭގެ ފަހުން ލަނޑެއް ނުޖެހި މެޗުން ބަލިވީ އެވެ.
ޕެލަސް ދަނޑުގައި އާސެނަލްގެ ގަބްރިއެލް ޖީސޫސް އެ ޓީމަށް ލީޑުނަގައިދިންއިރު، މިއީ ޖެނުއަރީ މަހުގެ ފަހުން ލީގުގައި އޭނާގެ ފުރަތަމަ ގޯލެވެ. ޕެލަސް ކޮޅަށް ޖީސޫސް ވަނީ މީގެ ހަތަރު ދުވަސް ކުރިން، ލީގު ކަޕް ކުއާޓާ ފައިނަލުގައި ހެޓްރކެއް ހަދައިފަ އެވެ. ޕެލަސް އިން މިރޭ އިސްމާއިލާ ސާގެ ގޯލުން އެއްވަރުކުރި ނަމަވެސް، ޖީސޫސް ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހައި، އަލުން އާސެނަލަށް ލީޑުނަގައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާސެނަލަށް ތިން ވަނަ ލަނޑެއް ޖަހައިދިނީ ކައި ހަވާޓްޒް އެވެ. އަދި ދެ ވަނަ ހާފުގައި ގަބްރިއެލް މާޓިނެލީ އާއި ބަދަލަކަށް އެރި ޑެކްލަން ރައިސް ވަނީ ލަނޑު ޖަހައި، އާސެނަލްގެ ފޯމު ރަނގަޅު ކުރަން މުހިންމު މޮޅެއް ހޯދައިދީފަ އެވެ.
ނިއުކާސަލް ޔުނައިޓެޑުން ވަނީ އަލެކްސަންޑަ އިސާކްގެ ހެޓްރިކާ އެކު، 4-0 އިން އިޕްސްވިޗް ޓައުން ބަލިކޮށްފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑާއި ބްރައިޓަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
Comment