about 3 hours 0
about 3 hours 0
މެންޗެސްޓާ (ޑިސެމްބަރު 21) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގީސް ޑިފެންޑަރު، ރުބެން ޑިއާސް އަށް އަނިޔާވެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެެވެ.
ދާދި ފަހުން ފީފާ ބެސްޓް އެވޯޑްސްގެ ޑްރީމް ޓީމުގައި ހިމެނުނު ޑިއާސް، 27، ގެ ފަލަމަސްގަނޑަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ލީގުގައި މިއަދު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ޑިއާސް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ތިނެއް ނޫނީ ހަތަރު ހަފްތާ ހުންނަން ޖެހޭނެ ކަމަށެވެ. އަދި މިއީ މިހާރު ސިޓީ އަށް ދިމާވެފައިވާ އުނދަގޫ ހާލަތަށް ބަލާއިރު، އަނެއްކާ ވެސް ކުރިމަތިވި ޗެލެންޖެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ކުޑަކަޅުވާ އަށް ލިބުނު އަނިޔާއަކާ ހެދި މި ސީޒަނުގައި ޑިއާސް އަށް މީގެ ކުރިން ވެސް ވަނީ ހަތް މެޗު ގެއްލިފަ އެވެ. މި ފަހަރު މި ލިބުނު އަނިޔާގެ ސަަބަބުން ގާތްގަނޑަކަށް 10 ވަރަކަށް މެޗު ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ސިޓީގެ އުންމީދަކީ ޖެނުއަރީ 11 ވަނަ ދުވަހު އޮތް އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ސެލްފޯޑާ ކުޅޭ މެޗަށް ޑިއާސް ފިޓްވުމެވެ. އެކަމަކު، ބައެއް ރިޕޯޓްތައް ބުނާގޮތުން، ޖެނުއަރީ 22 ވަނަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ކުޅޭ މެޗަށް ވެސް ޑިއާސް ފިޓްވުމާ މެދު އޮތީ ކުޑަ ފުރުސަތެކެވެ.
Comment