Advertisement

ޖަޕާނު ސަރުކާރުން ރާއްޖެއަށް 2.5 މިލިއަން ޑޮލަރުގެ ސީސީޓީވީ ކެމެރާ ހަދިޔާކޮށްފި

14 އޮކްޓޯބަރު 2024 - 13:46 0

ސީސީޓީވީ ހަދިޔާ ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޖަޕާނުން ވަނީ މި ފަހުން ރާއްޖެއަށް ވަރަށް ބައިވަރު އެހީ ދީފައި -- ފޮޓޯ: ޖަޕާނު އެމްބަސީ


ޖަޕާނު ސަރުކާރުން ރާއްޖެއަށް 2.5 މިލިއަން ޑޮލަރުގެ ސީސީޓީވީ ކެމެރާ ހަދިޔާކޮށްފި

14 އޮކްޓޯބަރު 2024 - 13:46 0

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންނަށް 2.5 މިލިއަން ޑޮލަރު (38.5 މިލިއަން ރުފިޔާ) ގެ ސީސީޓީވީ ކެމެރާތަކެއް ހަދިޔާކޮށްފި އެވެ.

އެއީ އެއްގަމުން ކަނޑުގެ ސަރަހައްދު އަދި ބަނދަރުމަތި ބެލޭވަރުގެ ކެމެރާތަކެކެވެ. އެ ކެމެރާތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު ޓަކެއޫޗީ މިޑޯރީ އެވެ. ތަކެއްޗާ ހަވާލުވީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އެވެ.

ޖަޕާނަކީ ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މާލޭގެ ތޮށިގަނޑު މަރާމާތު ކުރަން ވެސް ޖަޕާނުން ވަނީ 140،000 ޑޮލަރު ދީފަ އެވެ. ސީސީޓީވީ ހަވާލު ކުރީ އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އޭގެ ކުރިން ޖުލައި މަހުގެ ތެރޭގައި އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ޖަޕާނު ސަރުކާރުން ދިނެވެ. އެއީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަން ދިން އެހީއެކެވެ.

ފެބްރުއަރީ، 2024، ގައި ވެސް ޖަޕާނުން ވަނީ ރާއްޖެއަށް 38 މިލިއަން ރުފިޔާގެ އެހީއެއް ދީފަ އެވެ. އެ ފަހަރު އެހީ ދިނީ ބްރޯޑްކާސްޓިން ނެޓްވޯކް ތަރައްގީ ކުރުމަށެވެ.

އޮކްޓޯބަރު، 2023، ގައި ވެސް ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް ބޮޑު އެހީއެއް ދީފަ އެވެ. އެ ފަހަރު ދިނީ 38 މިލިއަން ރުފިޔާގެ ޑްރަގް ޓެސްޓިން ކިޓުތަކެކެވެ. އަދި ޑިސެމްބަރު، 2022، ގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް 80 މިލިއަން ރުފިޔާގެ އެހީއެއް ޖަޕާނުން ދިނެވެ.