Advertisement

މަޑިވަރު އެއާޕޯޓު ހިންގުން ހުއްޓާލާތީ އައިލެންޑް އޭވިއޭޝަނުން އެ ތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

14 އޮކްޓޯބަރު 2024 - 14:11 2

މޫސާ ނާޝިއު

މޫސާ ނާޝިއު

މަޑިވަރު އެއާޕޯޓު. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ވަޒީފާއިން ކަނޑާލާފައި


މަޑިވަރު އެއާޕޯޓު ހިންގުން ހުއްޓާލާތީ އައިލެންޑް އޭވިއޭޝަނުން އެ ތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

14 އޮކްޓޯބަރު 2024 - 14:11 2

އައިލެންޑް އޭވިއޭޝަނުން މަޑިވަރު އެއާޕޯޓު ހިންގުން ހުއްޓާލަން ނިންމުމާއި ގުޅިގެން އެ ކުންފުނިން ނަގާފައިވާ މުވައްޒަފުންތައް ވަޒީފާއިން ވަކިކޮށްފި އެވެ.

އެ އެއާޕޯޓުގައި މަސައްކަތް ކުރާ މީހަކު "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ އޮކްޓޯބަރު 17، ގައި ވަޒީފާއިން ވަކިވާނެ ކަމުގެ ސިޓީ އައިލެންޑް އޭވިއޭޝަނުން އެ ތަނަށް ފޮނުވާފައިވާ ކަމަށެވެ. އަދި އަދާކުރަމުން ދިޔަ ވަޒީފާ ކުރެއްދޫ ހޯލްޑިންސް އަށް ބަދަލުކުރެވޭނެ ކަމަށް އޭވިއޭޝަނުން ބުނި ކަމަށް އޭނާ ބުންޏެވެ.

"މި މަހު 17 ގައި ވަޒީފާއިން ވަކިވާނެ ކަމަށް އަންގާ ސިޓީއެއް ވަނީ އަޅުގަނޑުމެނަށް ފޮނުވައިފަ. އައިލެންޑް އޭވިއޭޝަނުން ބުނަނީ ކުރެއްދޫ ހޯލްޑިންސް އަށް ވަޒީފާ ބަދަލުކުރެވޭނެ ކަމަށް. އެކަމަކު އެކަހަލަަ އެއްވެސް މައުލޫމާތެއް އެތަނަކުން ނުދޭ," ނަން ހާމަނުކުރުމަށް އެދި ވާހަކަ ދެއްކި އެ ތަނުގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ ވަޒީފާއިން ވަކިކުރީ މޯލްޑިވިއަނާއި މަޑިވަރާއި ދޭތެރޭގައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނި ކަމަށެވެ.

އޭގެއިތުރުން ކުރެއްދޫ ހޯލްޑިންސްއަށް ވަޒީފާ ބަދަލުކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނި ކަމުގައިވި ނަމަވެސް އެ ތަނުގެ ފަރާތުން އެކަމުގެ އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

އައިލެންޑް އޭވިއަޝަނާ އެކީ އެއްބަސްވުމެއްގެ ދަށުން 22 މުވައްޒަފުން މަޑިވަރު އެއާޕޯޓުގައި މަސައްކަތް ކުރަމުންދެ އެވެ.

އެ ކުންފުނިން މަޑިވަރު އެއާޕޯޓު ހިންގުން ހުއްޓާލުމަށް ނިންމުމުން އެ އެންމެން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި, ކުރެއްދޫއަށް ބަދަލުކުރާ ވަޒީފާތަކުގެ މައުލޫމާތު ނުދޭތީ މުވައްޒަފުންގެ ކަންބޮޑުވުން އެބަހުއްޓެވެ.