Advertisement

ގްރީން ޓެކްސް ދެގުނަކޮށް ޓީޖީއެސްޓީ 17 ޕަސެންޓަށް މަތި ކުރަނީ

14 އޮކްޓޯބަރު 2024 - 00:14 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ގްރީން ޓެކްސް ދެގުނަކޮށް ޓީޖީއެސްީ %17 އަށް މަތިކުރަން ސަރުކާރުން ވަނީ ހުށަހަޅާފަ --- ފޮޓޯ: އަދަދު


ގްރީން ޓެކްސް ދެގުނަކޮށް ޓީޖީއެސްޓީ 17 ޕަސެންޓަށް މަތި ކުރަނީ

14 އޮކްޓޯބަރު 2024 - 00:14 1

ޓޫރިސްޓުން އަތުން ނަގާ ޓެކްސްތަކުގެ ތެރެއިން ގްރީން ޓެކްސް ދެގުނަކޮށް ޓީޖީއެސްޓީ ނަގާ ޕަސެންޓު 17 އަށް މަތިކުރަން ގާނޫނަށް އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ޓޫރިޒަމާބެހޭ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި 50 ކޮޓަރިއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ހުރި ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ކޮންމެ ދުވަހަކަށް، މިހާރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތިން ޑޮލަރު، ހަ ޑޮލަރަށް ބަދަލުކުރުން ވަނީ ހިމަނާފަ އެވެ.

ރިސޯޓުތަކާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ އެހެން ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި މިހާރު ނަގާ ހަ ޑޮލަރުގެ ބަދަލުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގަން ހުށަހަޅާފައިވަނީ 12 ޑޮލަރެވެ. އާ އަދަދުތަކުން ޓެކްސް ނަގަން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1، އިން ފެށިގެންނެވެ.

އޭގެ އިތުރުން، ފަތުރުވެރިންގެ ތެރޭގައި ހިމެނޭ ދެ އަހަރުން ދަށުގެ ކުޑަކުދިން ގްރީން ޓެކްސް އިން އިސްތިސްނާ ކުރުމަށް ވެސް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވެ އެވެ.

ޓެކްސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ މިހާރު ޓީޖީއެސްޓީ ނަގަމުން އަންނަ ޕަސެންޓު ކަމަށްވާ 16 ޕަސެންޓު ޖޫން 1، 2025، އިން ފެށިގެން 17 ޕަސެންޓަށް އިތުރު ކުރުމެވެ.

އޭގެ ތެރެއިން، ޓީޖީއެސްޓީ ނަގާ ޕަސެންޓަށް ގެންނަ ބަދަލާއެކު އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް 200 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށާއި ގްރީން ޓެކްސް ނަގާ މިންވަރަށް ގެންނަ އިސްލާހާއެކު ދައުލަތަށް އިތުރަށް 960 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތަފުސީލުގައި ބުނެފައިވެ އެވެ.