Advertisement

ކެންޏާގެ ރޫތު މެރަތަންގެ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

13 އޮކްޓޯބަރު 2024 - 22:49 1


ކެންޏާގެ ރޫތު މެރަތަންގެ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

13 އޮކްޓޯބަރު 2024 - 22:49 1

ޝިކާގޯ، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 13) - ކެންޏާގެ ކުޅަދާނަ އެތުލީޓު، ރޫތު ޗެޕްނިއާޓިޗް، ދުނިޔޭގެ އަންހެނުންގެ މެރަތަން ދުވުމުގެ ރެކޯޑް މުގުރާލައިފި އެވެ.

އާދިއްތަ ދުވަހުގެ ޝިކާގޯ މެރަތަންގައި ވާދަކޮށް، ރޫތު، ރޭސް ނިންމީ، ދެ ގަޑިއިރު، ނުވަ މިނިޓް 57 ސިކުންތުންނެވެ. މިއީ، ކުރިން މެރަތަން ދުވުމުގެ ރެކޯޑް އޮތް އަންހެން ދުވުންތެރިޔާ، ޓިގިސްޓް އަސޭފާގެ ރެކޯޑަށް ވުރެން އެއް މިނިޓް 56 ސިކުންތު އަވަސް ވަގުތެކެވެ.

އިތިއޯޕިއާގެ އަސޭފާ، ރެކޯޑް ހެދީ، 2023 ވަނަ އަހަރުގެ ބާލިން މެރަތަންގަ އެވެ. އޭނާ ރެކޯޑް ހެދި ޓައިމިން އަކީ ދެ ގަޑިއިރު، 11 މިނިޓް 53 ސިކުންތުންނެވެ.

އަސޭފާގެ ރެކޯޑް މުުގުރާލުމުގެ އިތުރުން، ރޫތު ވެފައިވަނީ، ދެ ގަޑިއިރު 10 މިނިޓަށް ވުރެ އަވަހަށް މެރަތަން އެއް ނިންމި ފުރަތަމަ އަންހެން އެތުލީޓަށެވެ.

"އަހަރެން މި ހުރީ ވަރަށް އުފަލުން. މިއީ އަހަރެން އަބަދުވެސް ކުރި އުންމީދެއް. ހުވަފެނެއް ހަގީގަތަކަށް ވެއްޖެ،" ރޫތު ބުންޏެވެ.

ރޫތު ވަނީ 2019 ވަނަ އަހަރު ދުނިޔޭގެ މެރަތަން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

މީގެ އިތުރުން، ރޫތު ވަނީ 2022 ވަނަ އަހަރުގެ ޝިކާގޯ މެރަތަންގައި ދުވެ، އޭރުގެ ދުނިޔޭގެ ރެކޯޑް މުގުރާލުމާ ގާތަށް ވެސް ޖެހިލައިފަ އެވެ. އެ ގޮތުން، އޭރު މެރަތަން ރެކޯޑް އޮތް، ކެންޏާގެ ބްރިޖިޑްގެ ރެކޯޑަށް ވުރެ، ރޫތު މަޑުވީ 14 ސިކުންތެވެ.

އެންމެ ފަހުން، މެރަތަން ރެކޯޑް ހެދި ފަސް ޓައިިމިންގެ ތެރެއިން ހަތަރު ޓައިމިން އެއް އައިސްފައިވަނީ، ޝިކާގޯގަ އެވެ.